English Edition
Dhivehi Edition

ރާއްޖެ ތަރައްޤީ ކުރުމަށް ސަރުކާރުން މި ހިންގާ މަޝްރޫޢުތަކަކީ، އެއް ކަންތައް އަނެއްކަމާ ގުޅި ލާމެހިގެން ފުރިހަމަވާ، ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދި ސާލިހު ވިދާޅުވެއްޖެ އެވެ.

ބޮޑުތިލަދުންމަތި ގުޅާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަ ޤައުމުން ހަނިމާދުއަށް އަންނަ ފަތުރުވެރިން، މި ރަށްތަކުގެ ހޮޓާތަކާއި، ގެސްޓްހައުސްތަކަށް އައިސް ގޮސްވެވޭނެ ކަމަށެވެ. އަދި އެކަމަށް ދުވެދުވެ އެހުރި އާރު.ޓީ.އެލް. ފުދޭނެ ކަމަށާއި ދުވެލި މަޑެއްނުވާނެ ކަމަށެވެ.

ޓިކެޓްގެ އަގު ބޮޑެއް ނުވާނެ ކަމަށާއި އޭރުން މި އަވީގައި ޖެހިލައި، މި ރަށްރަށުގެ ހިމުން ދޮންވެއްޔާ އެކުވެލަން ބޮޑުތިލަދުންމައްޗަށް ނައިސް ދުނިޔެއަކަށް ނޯވެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސާލިހު އިތުރަށް ވިދާޅުވީ ސަރުކާރުގެ ތަޞައްވުރާ އެއްގޮތަށް، ފަހަރަކު ގޮށެއް ބާރުކުރެވި، ހިންމިތަށް ބެދި، ބަދަހިވުމުން އެއީ އަޅުގަނޑު މި ދަންނަވާ އޮތްދިގަށް ސަރާސަރު މަގުން ހިނގާ ވިއަވަތި ރާއްޖެ ކަމަށެވެ. އަދި އެއީ އަމިއްލަ ރަށުން، ތިމާގެ ފައިތިލައިގެ ބުޑުން ނަފާ ހޯދޭނެ އުފާވެރި ޖަޒީރާ ދިރިއުޅުން ކަމަށެވެ.

“މިއަދު އަޅުގަނޑުމެން ތަންފީޒު ކުރަމުންމިދާ ސިޔާސަތުގެ ބޮޑު ބަދަލަށް، ބޮޑުތިލަދުންމަތި ފުރޮޅާލަންޖެހޭތާ ކިތަންމެ އަހަރެއް، ހުހަށް ގޮސް ހުލިވެއްޖެ. މިއީ، ބޮޑުކަންނެލީގެ މަސްވެރިން ގިނަ ސަރަޙައްދެއް. ހަނިމާދޫން ކަންނެލި އެކްސްޕޯޓް ނުކުރެވޭކަމީ އިޤްތިޞާދުގައި އެޅިފައި އޮތް މަރުތަޅެއް. އުތުރުގެ އިޤްތިޞާދީ މައި ދޮރޯށީގެ ގޮތުގައި ހަނިމާދޫ ހުޅުވާލެވުނުނަމަ، މި ސަރަޙައްދުގެ އަށްހާސް ޓޫރިސްޓް އެނދު ބާވާނެތާ މިހާރު ކިތަންމެ ދުވަހެއް.” ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ބޮޑުތިލަދުންމައްޗަށް މި ގެންނަ ބޮޑު ބަދަލު މިހާތަނަށް ނައިސް އޮތް އެންމެ އަސާސީ ސަބަބަކީ، ހަނިމާދުއަށް ވެފައި އެއޮތް ގޮތް ކަމަށެވެ.

އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ އެ ބަދަލު އަންނާނީ އަދި ގެންނާނީ މިހާރު ބޮޑުތިލަދުންމައްޗަށް މިގެންނަ ބޮޑު ބަދަލާއެކުގައި ކަމަށާއި މި ބަދަލަކީ އިޖުތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ އިންޤިލާބެއް ގެނުވާ ބަދަލެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.