English Edition
Dhivehi Edition

ބޮޑުތަކުރުފާނު ޤައުމަށްޓަކައި ކޮށްދެއްވި އެންމެ މުހިންމު ކަމަކީވެސް އަދި ވެވަޑައިގެންނެވި އެންމެ ބޮޑު ގުރުބާނީއަކީ ވެސް ދިވެހި ޤައުމިއްޔަތު ޙިމާޔަތްކޮށްދެއްވުންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 1444 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް މިއަދު ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސް ވިދާޅުވީ ބޮޑުތަކުރުފާނު ކުރައްސަވައި ދެއްވި ޤައުމިއްޔަތުގެ ޗާޓުން ދައްކަނީ، މެހެމާނުންނަށް ކަމޭ ހިތާ އިޙްތިރާމްކޮށް އޯގާތެރިވުންކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރައި މުޅި ދުނިޔޭގެ މަޤްބޫލުކަން ހޯދާފައި ވަނީ ވެސް މި އަސާސްގެ މަތީގައިކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ. ދިވެހިންގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށްޓަކައި ތާރީޚާއި، ސަގާފަތާއި، އާސާރުތައް ދަމަހައްޓަން ޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދިވެހި ޤައުމިއްޔަތު ދައްކުވައިދޭ ތަންތަނުގެ ތެރޭގައި މިއަދު ފެންނަން އޮތީ އުތީމު ގަނޑުވަރު ފަދަ މަދު އާސާރުތަކެއް ކަމަށެވެ.

ކަޅުވަކަރު މިސްކިތް ފަދަ މާލޭގައި ހުރި ތާރީޚީ ބިނާތައް ޙިމާޔަތްކުރުމަށް މި ސަރުކާރުން ކުރެއްވި މަސައްކަތްތައްކަށްވެސް ރައީސް ސާލިޙް ވަނީ އަލިއަޅުއްވާފައެވެ، އިތުރަށް ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ތާރީޚީ އާސާރުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތްތައް ވަކި ސިޔާސަތަކާ އެކު، ސަރުކާރުން ކުރަމުން އަންނަ ކަމުގައެވެ.