English Edition
Dhivehi Edition

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ އެމީހާކުރާ ދުޢާ ޢިޖާބަކުރެއްވެވުމަށެވެ. ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތަށެވެ. ރިޒްޤް ތަނަވަސްވެގެންވާ މީހަކު ކަމުގައި ވުމަށެވެ. މިފަދަ ހުރިހާ ކަންކަމަށް އެދޭމީހާއަށް އޮތީ ފުރަތަމަވެސް ތައުބާވެ ފާފަކުރުން ހުއްޓައިލުމެވެ.

ފާފަކުރަމުން، ފާފަކުރުން ނަހީކުރެއްވެވި ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދުމަކީ ލަދުވެތިކަން ކިހައި ބޮޑުކަމެއްހެއްޔެވެ؟ ދުނިޔަވީ ނަޒަރަކުން ބެލިނަމަވެސް މިއީ ކޮންގޮތަކުން ދެކޮޅުޖެހޭ ކަމެއް ހެއްޔެވެ؟

އެކަން ބަޔާންކުރައްވަމުން الشيخ عبد الله بن عبد الرحمن البعيجان – حفظه الله ވިދާޅުވެފައިވެއެވެ!

“ވިސްނާ ފިކުރުކުރާމީހުންނަށްޓަކައި ﷲ ތަޢާލާވަނީ މިސާލު ޖައްސަވާފައެވެ. އަދި އާޔަތްތައް ބަޔާންކޮށްދެއްވިއެވެ. ފަހެ، ހަނދުމަކުރާ މީހަކުވޭ ހެއްޔެވެ؟ އަދި ހަމަކަށަވަރުން ފާފަތަކަކީ، ނިޢުމަތްތައް ފިލައިދިއުމާއި، މުޞީބާތްތައް ޖެހުމުގެ އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފަހެ، އެއިލާހު ވަޙީކުރެއްވިއެވެ.”

﴿وَضَرَبَ اللَّهُ مَثَلًا قَرْيَةً كَانَتْ آمِنَةً مُطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِنْ كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ﴾ [النحل: 112]

މާނައީ: “އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ މިސާލުން، ﷲ މިސާލެއް ޖެއްސެވިއެވެ. ކޮންމެ ދިމާޔަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް ރިޒްޤު އާދެތެވެ. ދެން ﷲ ގެ ނިއުމަތަކަށް އެ ރަށުގެ މީހުން ކާފިރުވިއެވެ. ދެން އެބައިމީހުން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާންލައްވައި، އެކަމުގެ ރަހަ އެބައިމީހުންނަށް ﷲ ދެއްކެވިއެވެ”.

މިއާޔަތުން އެނގިގެން މިދަނީ ކާފިރުވެ ފާފަތައް ކުރަންފެށުމުން މީސްތަކުންނަށް ދަތިތައް ކުރިމަތިކުރައްވަވާ ކަމެވެ. އެބައެއްގެ ތެރޭގައި ބިރުވެރިކަން ފެތުރިގެންދާކަމެވެ. ވީމާ ހެވާއި ލާބައަށް، ﷲ ތަޢާލާގެ ރަޙްމަތަށް އެދޭމީހާ ފުރަތަމަ ކަމަކަށްވެސް ފާފަކުރުން ހުއްޓައިލާށެވެ!

– އިސްލާމީ ތިލަފަތުގެ ދަރުސަކުން