English Edition
Dhivehi Edition

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށްބުނެ ބިރުދައްކައި، ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް، އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ ފަސް މީހަކު ވަނީ ހައްޔަރުކޮށްފަވެއެވެ.

އެމީހުންގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން ވަނީ ދޫކޮށްލައިފައެވެ.

މި މައްސަލައާ ގުޅިގެން ދެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ބ. ދަރަވަންދޫ، އަކިރި، ޙަމްދޫން ޢަބްދުﷲ (37އ) އާއި ބ. ދަރަވަންދޫ، ހީމަ، މުޙައްމަދު މިހާދު މުޞްޠަފާ (24އ) އަދި ށ. ފުނަދޫ، ސީސްޓަރ، މައުމޫން މޫސާ (41އ) އެވެ.

އެ މީހުންގެ ތެރެއިން ޙަމްދޫން ޢަބްދުﷲ އާއި މުޙައްމަދު މިހާދު މުޞްޠަފާ ހައްޔަރުކޮށްފައިވަނީ 2022 ސެޕްޓެމްބަރ 18 ވަނަ ދުވަހު އެވެ. ޙަމްދޫން ޢަބްދުﷲގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ އިރު މުޙައްމަދު މިހާދު މުޞްޠަފާގެ ބަންދަށް 7 ދުވަސް ކޯޓުން ވަނީ ދީފައެވެ. މައުމޫން މޫސާ 2022 ސެޕްޓެމްބަރ 20 ވަނަ ދުވަހު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަސް ކޯޓުން ދީފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.