English Edition
Dhivehi Edition

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްވިޒަލެންޑާއި ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން ބަލިވެއްޖެއެވެ.

ސްޕެއިންގެ ރޮމަރެޑާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސްވިޒަލެންޑުން ކާމިޔާބުކުރީ 2-1 އިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސްވިޒަލެންޑުންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ޖެހީ މެނުއަލް އަކަންޖީއެވެ. ސްޕެއިނުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފުގެ 55 ވަނަ މިނެޓުގައި މާކޯ އަސެންސިއޯ ދިން ބޯޅަ އަކުން ސްޕެއިން އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖޯޑި އަލްބާއެވެ.

ނަމަވެސް އޭގެ ތިން މިނެޓު ފަހުން ސްވިޒަލެންޑުން ވަނީ އިތުރު ލަނޑެއް ޖަހައި ދެ ވަނަ ފަހަރަށް މެޗުގައި ލީޑު ނަގާފައެވެ. 58 ވަނަ މިނެޓުގައި އަކަންޖީ ދިން ބޯޅައަކުން މި ލަނޑު ޖެހީ ބްރީލް އެމްބޯލޯއެވެ.

ރޭގެ މި މެޗުން މޮޅުވި ނަމަވެސް ސްވިޒަލެންޑް އޮތީ ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއި އެކު ގްރޫޕްގެ ތިން ވަނަ މަގާމުގައެވެ. ކުޅުނު ފަސް މެޗުން އަށް ޕޮއިންޓު ހޯދައިގެން ސްޕެއިން އަށް ލިބެނީ ގުރޫޕުގެ ދެ ވަނައެވެ.