English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ދަތުރުފުޅުތަކުން ވީ ފައިދާއެއް ފެންނަން ނެތް ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ދެއްކެވި ވާހަކައަށް އިދިކޮޅު ކޯލިޝަނުން ރައްދުދީފިއެވެ.

މިދިޔަ ބުރާސްފަތު ދުވަހު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވަނީ އިދިކޮޅު ފަރާތްތަކުން ރައީސް އިބްރާހީމް ސޯލިހް، ދަތުރުފުޅުކުރައްވާ ވާހަކަދައްކަވާއިރުގައި އެބޭފުޅުންގެ ވެރިކަމުގައި ކުރެއްވި ދަތުރުތަކުގެ ވާހަކަވެސް ދައްކަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި 2014 ވަނަ އަހަރު ތެރޭގައި އެކަނިވެސް، ރައީސް ޔާމީން ސިންގަޕޫރަށް ހަ ދަތުރު ކުރެއްވިކަމަށް މިއުވާން ވިދާޅުވިއެވެ، އިތުރަށް މިއުވާން ވަނީ އެ ދަތުރުފުޅުތަކުން ލިބުނު ފައިދާއެއް ފެންނަން ނެތްކަމަށާއި އޭގެ ސަބަބުން ކުރީ ކޮންކަހަލަ ފައިދާތަކެއްތޯ ނުވަތަ ރައްޔިތުންނަށް ލިބުނީ ކޮން އެއްޗެއްތޯ ސުވާލުކުރައްވާފައެވެ.

މިއުވާންގެ މި ވާހަކަތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީން ކުރެއްވި ބައެއް ދަތުރުފުޅުތަކުގެ ތަފްސީލް ހާމަކުރައްވާފައެވެ. މި ގޮތުން ކުރީ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ ކުރެއްވި ޓުވިޓެއްގައިވަނީ ރައީސް ޔާމީންގެ ދަތުރުފުޅުތަކުގެ ހަރަދާއި އެ ދަތުރުފުޅުތަކުން ވީ ފައިދާތައް ވަރަށް ތަފްސީލުކޮށް ހާމަކުރައްވާފައެވެ.

މުސްތަފާގެ ޓުވިޓްގައި ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި

  • ތައިލޭންޑަށް ކުރެއްވި ދަތުރުފުޅުގައި ކްރޮސް ރޯޑްސް ޕްރޮޖެކްޓް ހަމަޖެހިގެން ދިއުން
  • ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކުގައި ބްރިޖްގެ މަޝްރޫއާއި ފްލަޓްގެ މަޝްރޫއުތައް ފެށިގެން ދިއުން
  • އޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި މާފަރު އެއާޕޯޓު ޕްރޮޖެކްޓްގެ އިތުރުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ހަމަޖެހިގެން ދިއުން
  • މެލޭޝިއާއަށް ކުރެއްވި ހަތަރު ދަތުރުފުޅުގެ ތެރެއިން އެއް ދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅެއް އަދި ހުރިހާ އެންމެންގެ ޓިކެޓް ވެސް ނެންގެވީ ރައީސް ޔާމީން އަމިއްލަފުޅަށް. އަދި އެ ދަތުރުފުޅުގައި 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދިވެހިންނަށް ހަމަޖެހިގެން ދިއުން
  • ސައުދީ އަށް ކުރެއްވި ހަ ދަތުރުފުޅުގެ ތެރެއިން ތިން ދަތުރުފުޅަކީ އަމިއްލަ ހަރަދުގައި އަޅުކަމަށް ކުރެއްވު ދަތުރުފުޅުތައް، އަދި ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައި ސަލްމާން މިސްކިތުގެ މަޝްރޫއު ހަމަޖެހިގެން ދިއުން ހިމެނެވެ.