English Edition
Dhivehi Edition

ޕޯޗުގަލް ފޯވާޑް އަދި ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަދިވެސް ޕޯޗުގަލް ޓީމުގައި މުހިންމު ދައުރެއް އަދާކުރާނޭ ކުޅުންތެރިއެއް ކަމަށާއި މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބޭނުންވަނީ ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރު ދުއްވާލަން ކަމަށް ޕޯޗުގަލް ގައުމީޓިމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުގައި މިހާރު ރޮނާލްޑޯގެ ދައުރާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސަންޓޯސް ބުނީ ރޮނާލްޑޯ އަކީ މޮޅު އަދި ގޯލް ކުރިމަތިން ލިބޭ ބޯޅަތައް ނިންމުމުގައި ހުޝިޔާރު ފޯވާޑެއް ކަމަށާއި އެކަން އޭނާ ވަނީ ނިމިގެން ދިޔަ ސީޒަނުގައިވެސް ޔުނައިޓެޑަށް ދައްކަދީފައި ކަމަށް ސަންޓޯސް ބުންޏެވެ.

މިފަހަރުގެ ސީޒަނަށް އަލަށް ޔުނައިޓެޑާއި ހަވާލުވި އެރިކް ޓެން ހާގް ރޮނާލްޑޯ ބެންޗު ކުޅުންތެރިއެއްގެ ގޮތުގައި ހަދައި ކޮންމެ މެޗަކުން ވެސް 20 ނޫނީ 10 މިނެޓުގެ ވަގުތު ކޮޅަކަށް ކުޅެން އެރުވި ނަމަވެސް މެޗު ފިޓްނަސް ނުގެނެވޭނޭ ކަމަށާއި މެޗު ފިޓްނަސް އަކީ ގިނައިން މެޗުތައް ކުޅެގެން ލިބޭ އެއްޗެއް ކަމަށް ވެސް ސަންޓޯސް ބުންޏެވެ.

ސަންޓޯސް އިތުރަށް ބުނީ ނިމިގެން ދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގައި ރޮނާލްޑޯ ދައްކާފައި ވަނީ މޮޅު ކުޅުމެއް ކަމަށާއި އަދި މުހިންމު ގިނަ ލަނޑުތަކެއް ވެސް ރޮނާލްޑޯ ކާމިޔާބު ކޮށްފައިވާކަމަށެވެ. އެހެން ކަމުން މިފަހަރުގެ ސީޒަނުގައި ރޮނާލްޑޯ ބެންޗުގައި ބަހައްޓަން ނިންމީ އޭނާއަށް ނުކުޅެވޭތީ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއީ ސީދާ ރޮނާލްޑޯގެ ކެރިއަރަށް ބުރޫއަރުވަން ގެންގުޅޭ އުކުޅެއް ކަމަށް ވެސް ސަންޓޯސް ބުންޏެވެ.

އަދި މީގެ އިތުރުން ސަންޓޯސް ބުނީ ނިމިގެން ދިޔަ ސީޒަނުގައި ޔުނައިޓެޑަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނީ ރޮނާލްޑޯއަށް ނުކުޅެވިގެން ނޫން ކަމަށާއި އެކަން އެގޮތަށް ދިމާވީ ޔުނައިޓެޑުގެ ގޯލް ކީޕަރާއި ޑިފެންސް ލައިނުގެ ދޯހަޅިކަމުންކަމަށެވެ.

އަދި ޔުނައިޓެޑުގެ ބެންޗުގައި ރޮނާލްޑޯ އިންނަން ޖެހުމަކީ ޕޯޗުގަލް ގައުމީޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބޭނެ ސަބަބެއް ނޫން ކަމަށް ވެސް ސަންޓޯސް ބުންޏެވެ.