English Edition
Dhivehi Edition

ދޮގު ޚަބަރުތައް ފަތުރައިގެން، އެފަދަ ޚަބަރުތަކުން ކޯލިޝަން ބައިބައިކޮށް ބަލި ކުރެވޭނެކަމަށް ޤަބޫލު ކުރުމަކީ ކުށްހީއެއްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެެވެ.

އިދިކޮޅުން މިހެން ބުނެފައި ވަނީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ގުޅޭގޮތުން “ދެންމެ” ކިޔާ އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރަކާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ. އެނޫހުން ޝާއިއުކޮށްފައިވާ ހަބަރުގައި ވަނީ، އިދިކޮޅު ކޯލިޝަންގެ ލީޑަރ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް، އަބުދުއްރަހީމްގެ އިތުބާރު ގެއްލި ޕާޓީގެ ލީޑަރސިޕުން އެކަހެރިކޮށްފައިވާކަމަށް ބުނެފައެވެ.

“އެފަދަ ޚަބަރުތަކުން ޕީޕީއެމް ބައިބައިކޮށް ބަލި ކުރެވޭނެކަމަށް ޤަބޫލު ކުރުމަކީ ކުށްހީއެއް . ރައީސް ޔާމީންގެ އިތުބާރު އަދުރޭއަށް ގެއްލި ޕާޓީގެ މަސައްކަތްތަކުން އެކަހެރިކޮށްފައި ވާކަމަށް ބުނެ އެ ނޫހުގައި ލިޔެފައިވާ ޙަޤީޤަތާއި ޚިލާފު ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ބަޔާނުގައި ބުނެފައި ވެއެވެ.

ޕީޕީއެމް އޮތީ ޔާމީން އާއެކު ވަރަށް ބަދަހިކޮށް ކަމަށާއި އަދި ޕީޕީއެމްގެ އެންމެ ބޮޑު އަމާޒަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން އަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ސާބިތުކަމާއި ބަދަހިކަމާއެކު ކުރުން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނީ، ޕީއެންސީގެ އެންމެ ބޮޑު އަމާޒަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ސާބިތުކަމާއި ބަދަހިކަމާއެކު ކުރުންކަމަށެވެ. ކަންމިހެން އޮއްވާ، އެފަދަ ޙަޤީޤަތެއް ނެތް ބޭކާރު ވާހަކަތަކުން ޕާޓިގެ ލީޑަރޝިޕް ބައިބައިކޮށް ޕާޓީ ބަލިކޮށްލެވިދާނެކަމަށް ޤަބޫލުކުރެވޭނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއްކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނީ، މިވަގުތުވެސް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ހުންނެވީ ރައީސް ޔާމީންގެ ޚާއްޞަ މަސައްކަތްތެއްގައި ލ. އަތޮޅުގައިކަމަށާއި، ޙަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުން އެކުރަނީ ބޭކާރު އެއްވެސް ތާކުން ތާކު ނުޖެހޭ މަސައްކަތެއް ކަމުގައެވެ.

އެހެންކަމުން އެފަދަ ޙަޤީޤަތެއް ނެތް ވާހަކަތަކުން ފިތުނަ އުފައްދަން މަސައްކަތް ކުރާ ނޫސްވެރިނާއި ނޫސް މަޖައްލާތައް ޖަވާބުދާރީ ކުރުވުމަށް އެކުލަވާލާފައިވާ މުއައްސަސާތަކުން، މިމައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ޓެގު