English Edition
Dhivehi Edition

ޤާނޫނާ ޚިލާފަށް ރާއްޖެ ސަރަހައްދަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަަހައްދުގައި ބޭރުގެ މަސް ބޯޓެއް ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދާ ކަމުގެ ރިޕޯޓް އެމްއާރުސީސީއަށް ލިބިފައިވަނީ މިއަދު ހެނދުނު 11:26 ހާއިރު، އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުންނެވެ.
މި ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ “މާފަތް” ލޯންޗް ވަނީ އެ ސަރަހަށްދަށް ގޮސް މިއަދު 14:00 ހާއިރު އެ ބޯޓް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައެވެ. މި ބޯޓް ކޯސްޓްގާޑަށް ފެނިފައި ވަނީ ލ.އިސްދޫމުލީގެ އިރުއުތުރުން 15 ނޯޓިކަލް މޭލު ބޭރުންނެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް މި އުޅަނދު ގެނެވި، ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.