English Edition
Dhivehi Edition

ދިވެހިންގެ ޖަޒީރާ ދިރިއުޅުމަށް ދިވެހިން އެނބުރި ދިޔުމަށް ކުރަމުންދާ މަސައްކަތުގައި، ބޮޑު ތިލަދުންމަތި ވެގެންދާނީ، ނަމޫނާ ސަރަހައްދަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕަރސަން މިޢުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ މިސަރުކާރުން، ބޮޑު ތިލަދުންމަތީގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގަމުންދާކަމަށެވެ.

“ބޮޑު ތިލަދުންމައްޗަށް މިސަރުކާރުން މިގެންނަނީ ބޮޑު ބަދަލެއް. އެގޮތުން ބޮޑު ތިލަދުންމަތީގެ ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތައް ހިންގަމުންދާއިރު ހަނިމާދޫ އެއްޕޯޓް ތަރައްޤީ ކުރުން، އާރުޓީއެލް ފެރީގެ ނިޒާމު މިހާރު މިއޮތީ ގުޅާލެވި. ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްޤީ ކުރުމާއި، އަދި ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކޮށް، ޖޫނިއާ ކޮލެޖް ޤާއިމްކޮށް ވަރަށް ގިނަ ތަރައްޤީގެ މަޝްރޫޢު ކުރިއަށް އެބަދޭ.” މިއުވާން ވިދާޅުވިއެވެ

މީގެ އިތުރުން މިއުވާން ވިދާޅުވީ އާރްޓީއެލްގެ ފެރީނިޒާމާއި އެކު ބޮޑުތިލަދުންމަތި ދަތުރުފަތުރުން ގުޅާލެވިފައި ވާއިރު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާއި ތިލަދުންމަތީގެ ރަށްރަށުގެ ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަޝްރޫއުތަކާއި އެނޫންވެސް ޢުމްރާނީ ތަރައްޤީގެ އެތައް ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާ ކަމަށެވެ. މީގެއިތުރުން ތިލަދުންމަތީގެ ތަރައްޤީއާއި ގުޅިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢުކަމުގައިވާ، ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ ހަފްތާގެ އާދިއްތަ ދުވަހު ސޮއިކުރެވޭނެ ކަމުގައިވެސް މިޢްވާން ވިދާޅުވިއެވެ.

ބޮޑު ތިލަދުން މައްޗަށް އަންނަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިއުވާން ވިދާޅުވީ މިދަތުރުފުޅުގެ ތެރެއިން ސަރުކާރުން ބޮޑު ތިލަދުންމައްޗަށް ގެނެސްދޭން ބޭނުންވާ ޖަޒީރާވަންތަ ތަރައްޤީގެ ގިނަ ކަންތައްތަކެއް ހާމަވެގެންދާނެކަމަށެވެ.

އަތޮޅުތެރޭގެ އެކި ސަރަހައްދު ތަކުގެ ތެރެއިން ބޮޑު ތިލަދުންމައްޗަކީ އެކި ސަރުކާރުތަކުން އެކި ހުވަފެން ދެއްކި ސަރަހައްދެކެވެ. ނަމަވެސް ގިނަ ކަންކަން ނުކުރެވި ރަށްތަކުގެ ރައްޔިތުންގެ ޝަކުވާވެސް ސަރުކާރަށް ހުށަހެޅޭނެ ގޮތެއް ނެތުމަކީ މީގެ ކުރިން އެސަރަހައްދުގެ ރައްޔިތުންގެ އޮތް ކަންބޮޑުވުމެވެ. މިކަން ބަދަލު ކުރުމަށް މިސަރުކާރުން ބޮޑުތިލަދުންމަތީގައި ފަށާފައިވާ އެކި މަޝްރޫޢުތައް ނިންމުމަށާއި، ކުރިއަށް ރާވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް މިދަތުރުފުޅުގެ ތެރެއިން ފެށިގެން ދާނެއެވެ.