English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ.

ރައީސްގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ވިލާތުގެ ރަސްގެފާނު، ޗާސްލް 3 ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި އެ ޢާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ 8 ސެޕްޓެމްބަރު 2022 ދުވަހުގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ. ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމުގެ ހިތާމައިގައި، 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި ދަތުރުފުޅުގައި ވަނީ އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ވަނީ ރާނީ އަވަހާރަވުމާއި ގުޅިގެން ލަންޑަނުގެ ލެންކަސްޓަރ ހައުސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ތަޢުޒިޔާގެ މެސެޖުވެސް ލިޔުއްވާފައެވެ.