English Edition
Dhivehi Edition

މަހުގެ ކޮލިޓީދަށް ކަމަށް ބުނެ، ގއ. ކޫއްޑޫއަށް ނުކިރުނު މަސް، ގދ. ފިއޯރީ ރައްޔިތުންނަށް ރޭ ބަހައިފިއެވެ.

ރަހާ ދޯނިން 22 ޓަނުގެ މަސް ބޭނިއިރު ކޫއްޑޫ އިން މަސް ނުކިރީ މަހުގެ ކޮލިޓީދަށް ކަމަށް ބުނެއެވެ. ނަމަވެސް ރަހާ ދޯނިން ވަނީ އެއީ ތާޒާ ރަނގަޅު މަސް ކަމަށް ބުނެފައެވެ.

އެގޮތުން ކަނޑަށް މަސް އުކާލުމުގެ ބަދަލުގައި ރަހާ ދޯނިން ވަނީ ދެ ޓަނު މަސް ފިޔޯރީ ރައްޔިތުންނަށް ހިލޭ ބަހާފައެވެ. އަދި ރަހާ ދޯނި ފިޔޯރީ ބަނދަރާއި ކައިރި ކުރުމަށްފަހު މަސްތައް ބަހަން ފެށިއިރު އެ ސަރަހައްދަށް ގިނަ އަދަދެއްގެ އާންމުން ވެސް އެއްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ދެކުނަށާއި އުތުރަށް ވެސް މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން ކޫއްޑޫއާއި މާންދޫއަށް ބާރުބޮޑުވެ، މާންދޫގައި މަސްކިރާ މިންވަރު ވެސް މިހާރު ވަނީ ލިމިޓުކޮށްފައެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، ކޫއްޑޫއަށް މަސް ކިރުން މިދިޔަ އޭޕްރީލް މަހުގެތެރޭގައި ވެސް ދަތިވިއެވެ. އޭގެ ފަހުން، ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ މިފްކޯއަށް މަސް ކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު ބޯޓެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.