English Edition
Dhivehi Edition

ސިއްޙީ ޚިދުމަތްތަކާއި މަތީ ތަޢުލީމު ފަދަ ޚިދުމަތްތައް ފުޅާކޮށް ފޯރުކޮށްދިނުމަށްޓަކައި އަމިއްލަ ފަރާތްތަކުން ކުރައްވާ މަސައްކަތްތައް ފަސޭހަކޮށްދެއްވުމަށް، ސަރުކާރަށް ކޮށްދެއްވެން އޮތް ހުރިހާކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވިލާކޮލެޖްގެ ކިއު.އައި ކެމްޕަހުގައި މިރޭ ބޭއްވި އެކޮލެޖްގެ ” ސްޓުޑެންޓްސް އެޗީވްމަންޓް އެވޯޑްސް 2022″ ޙަފްލާ ޝަރަވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ، ރާއްޖޭގައި އަމިއްލަ ފަރާތްތަކުން އެންމެ ފުރަތަމަ ޚިދުމަތްތައް ދޭންފެށީ ދަތި އުނދަގޫތަކާއި، ގޮންޖެހުންތަކާއި އެކުގައިކަން ފާހަގަކުރައްވާފައެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި، ފާއިތުވި 15 އަހަރުގެ ތެރޭގައި ވިލާކޮލެޖުން މަތީ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރަމުން އައި މަސައްކަތްތަކުގެ މައްޗަށް ބައްލަވާ ލައްވައި ޝުކުރު އަދާކުރެއްވިއެވެ.

މިޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދެވޭ ތަޢުލީމާ ތަމްރީނުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މިހާރު މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ. އަދި ކުރިން ރާއްޖޭގައި ހިންގިފައި ނުވާފަދަ އެތައް މަޝްރޫއުތަކެއް މިހާރު ހިނގަމުންދާއިރު، އެދާއިރާތަކުން ތަމްރީންވެފައިވާ ދިވެހި ޒުވާނުން މިހާރު ބޭނުންވެފައިވާ ކަމުގައިވެސް ވިދާޅުވިއެވެ. އަދި އެންމެ މުހިއްމު ދާއިރާތަކުން މީހުން ބިނާކުރުމަށް، މަތީ ތަޢުލީމް ފޯރުކޮށްދޭ މުއައްސަސާތަކާއި ސަރުކާރާއި އަދި ކުންފުނިތައް ގުޅިގެން މަސައްކަތް ކުރެއްވުމުގެ މުހިއްމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހަފްލާގައި، ވިލާކޮލެޖުން ދެމުން އަންނަ، “ޤާސިމް އިބްރާހިމް އެވޯޑް ފޮރ އެކްސަލެންސް” ލިބުނު 11 ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. ވިލާ ކޮލެޖުގެ ” ސްޓުޑެންޓްސް އެޗީވްމަންޓް އެވޯޑްސް” ޙަފްލާ އެންމެ ފުރަތަމަ ބޭއްވީ 2021 ވަނަ އަހަރުގައެވެ. މިއީ މިއެވޯޑު ޙަފްލާ ބޭއްވި ދެވަނަ އަހަރެވެ.