English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ރޭ ބެންފީކާއާއި ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް ބަލިވެއްޖެއެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ބެންފީކާއިން ޔުވެންޓަސް ބަލިކުރީ 2-1 އިންނެވެ.

މިއީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއިން ބަލިވި ދެވަނަ މެޗެވެ. ފުރަތަމަ މެޗުން އެޓީމު ބަލިވީ ފްރާންސްގެޕީއެސްޖީ އަތުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ޔުވެންޓަސް އިންނެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ލަނޑު ޖެހީ އާކަންޑިއުޒް މިލިކްއެވެ. އޭނާ މި ލަނޑު ޖެހީ ޕަރޭޑްސް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން 43 ވަނަ މިނެޓުގައި ބެންފީކާ އިން ވަނީ ލިބުނު ޕެނަލްޓީއެއްގައި ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޔާއޯ މާރިއޯއެވެ.

ފުރަތަމަ ހާފު ދެ ޓީމުން އެއްވަރެއްގައި އޮވެ ނިމުނުނަމަ ވެސް ދެވަނަ ހާފު ފަށައިގެން 55 ވަނަ މިނެޓުގައި ބެންފީކާ އިން ވަނީ ލަނޑުޖަހާ ލީޑު ނަގާފައެވެ. މިއީ ރަފާ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑޭވިޑް ނެރެސް ޖެހި ލަނޑެކެވެ.

މި މެޗުން ލިބުނު މޮޅާއި އެކު ބެންފީކާ އިން ވަނީ ގުރޫޕުގެ ދެވަނަ އަށް ޖެހިލާފައެވެ. އެއްވަނާގައި އޮތީ ޕީއެސްޖީއެވެ. ޕީއެސްޖީއަށް ހަ ޕޮއިންޓު ލިބޭއިރު، ބެންފީކާއަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. ފައިދާ ގޯލުން ކުރި ލިބެނީ ޕީއެސްޖީއެވެ. މި ގްރޫޕްގެ ތިންވަނަ މަގާމުގައި އޮތް ޔުވެންޓަސް އާއި ފުލުގައި އޮތް މެކަބީ ހައިފާއަށް ޕޮއިންޓެއް ނުލިބެއެވެ.