English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އިޒުރޭލުގެ މެކަބީ ހައިފާ އާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެއެވެ.

މެކަބީ ހައިފާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީން މޮޅުވީ ފަހަތުން އަރައި 3-1 ގެ ނަތީޖާއިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މެކަބީ ހައިފާ އިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖާރޯން ޗެެރީ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 37 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލިއޮނެލް މެސީއެވެ. މި ގޯލާއެކު މެސީ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ޓީމާ ދެކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. އެއީ 39 ޓީމެވެ. ކުރިން މި ރެކޯޑު އޮތީ 38 ޓީމާ ދެކޮޅަށް ލަނޑު ޖެހި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައެވެ. އަދި މި ގޯލާއެކު މެސީ ވަނީ ޖެހިޖެހިގެން 18 ސީޒަންގައި ޗެމްޕިއަންސް ލީގުގައި ގޯލު ވެސް ޖަހާފައެވެ.

ދެވަނަ ހާފު ފަށައިގެން ޕީއެސްޖީއަށް ނަތީޖާ ލީޑު ނަގައިދިނީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއެވެ. މެޗުގެ 69 ވަނަ މިނެޓުގައި އެމްބާޕޭ ލަނޑު ޖެހުމަށް އެހީތެރިވެދިނީ މެސީއެވެ. ޕީއެސްޖީގެ ތިންވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި މާކޯ ވެރާޓީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ ހަ ޕޮއިންޓު ހޯދައިގެން ޕީއެސްޖީ އޮތީ ގުރޫޕް އެޗްގެ އެއްވަނަ މަގާމުގައެވެ. ދެވަނަ މަގާމުގައި އޮތް ބެންފީކާއަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. ނަމަވެސް ޕީއެސްޖީން ކުރި ހޯދަނީ ފައިދާ ގޯލުންނެވެ. ތިންވަނާގައި އޮތް ޔުވެންޓަސް އާއި ފުލުގައި އޮތް މެކަބީ ހައިފާއަށް ޕޮއިންޓެއް ނުލިބެއެވެ. މި ދެޓީމު މިހާތަނަށް ކުޅުނު ދެމެޗުންވެސް ވަނީ ބަލިވެފައެވެ.