English Edition
Dhivehi Edition

މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރާނެ ރަށަކީ ކ. ކާށިދޫކަމުގައި ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިކަމާގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. އަދި ދަނޑުވެރިކަމުގެ ދުވަހާއި ޖެހިގެން އަންނަ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސްކަމުގައިވާތީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ކަނޑައަޅާ ރަށެއްގައި ސަރުކާރުން ގެންދަވަނީ އެދުވަސް ވެސް ފާހަގަކުރައްވަމުންނެވެ.

ރާއްޖޭގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރަނީ ރާއްޖޭގައި ދަނޑުވެރިކަމަށް ޚާއްޞަ އަޙައްމިއްޔަތުކަމެއް ދީ ދަނޑުވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި ދަނޑުވެރިކަމަށް ޢާންމުންގެ ޝަޢުގުވެރިކަން އިތުރުކުރުމުގެ ގޮތުންނެވެ.