English Edition
Dhivehi Edition

މާބަނޑުވެ އިންނަ އަންހެން މީހާގެ ހަށިގަނޑަށް އެތައް ބަދަލުތަކެއް އަންނާނެ ކަން ކަށަވަރެވެ. އެކި މީހުންނަށް ތަފާތު ބަދަލުތަކެއް އައި ނަމަވެސް އާންމު ގޮތެއްގައި މާބަނޑު ދުވަސްވަރު ހަށިގަނޑަށް އަންނަ ބަދަލުތައް ގިނަ މީހުންނަށް ދިމާވަނީ އެއް ގޮތަކަށެވެ. އެގޮތުން ފުރަތަމަ ދުވަސްކޮޅު ހޮޑުލެވުމާއި، އާދަޔާހިލާފަށް ބަނޑުހައި ވުން، މޫޑު ބަދަލުވުން، އަދި ހަންގަނޑު ކުރަކި ވުން ހިމެނެއެވެ.

މާބަނޑު ދުވަސްވަރަކީ ހަށިގަނޑުގައި ހުންނަ ހޯމޯންތަކަށް ގިނަ ބަދަލު ތަކެއް އަންނަ ދުވަސް ވަރަކަށް ވުމާއެކު ފައިދާ ހުންނަ ކާނާ ކެއުމުގެ އިތުރުން، ބޭރު ފުށުން ހަން ގަނޑަށް ބައެއް ކަހަލަ ފަރުވާ ބޭނުން ވެއެވެ. ބަނޑުގައިވާ ދަރިފުޅު ހެދި ބޮޑުވަމުން ދާއިރު ހަށިގަނޑުގެ މަސްތައް ސްޓްރެޗް ވުމުން ހަންގަނޑުގެ ތެތްކަން ނެތި ދެއެވެ. މާބަނޑު ވުމަށްފަހު މައިމީހާގެ ކިޑްނީ ދެގުނައަށް މަސައްކަތް ކުރަން ޖެހުމުން ގިނައިން ކުޑަކަމު ދިޔުމާއި ގުޅިގެން ހަށިގަނޑުން ފެން މަދުވެ ހަންގަނޑު ހިކި ބޮޑު ބަދަލު ތަކެއް ހަމަށް އާދެއެވެ. މާބަނޑު ދުވަސްވަރު ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބޭނަމަ ކުޑަކަމުދާ ނިޒާމުގެ މައްސަލަ ތައް ދިމާވެ ހަންގަނޑު ކުރަކިވެ ތުންފަތް ހިކެން ދިމާވުމަކީ ވެސް ވާކަމެކެވެ. މިހާލަތުގައި މަދުވެގެން ދުވާލެއްގެ މައްޗަށް 3 ލީޓަރ ފެން މާބަނޑު މީހާ ބޭނުން ކުރަން ޖެހެއެވެ.

ހަންގަނޑު ރީތިކޮށް ބެހެއް ޓުމަށާއި ސާފުކޮށް ހިކިޔަނުދީ ބަހައްޓަން މޮއިސްޗަރ ކުރުން މުހިންމެވެ. މާބަނޑު ދުވަސްވަރު ބޭނުން ކުރާ ކޮންމެ އެއްޗަކީ ސިއްހަތަށް އެއްވެސް ގެއްލުމެއް ނުވާނެ ކަހަލަ އެއްޗަކަށް ވާން ޖެހެއެވެ. ބާޒާރުގައި ހުންނަ ކެމިކަލް ހިމަނައިގެން އުފައްދާފައިވާ އެއްޗިހި ބޭނުން ނުކޮށް ވެސް ހަންގަނޑު ރީތިކޮށް ބެހެއްޓިދާނެއެވެ. ތިރީގައި މިވަނީ މާބަނޑު ދުވަސްވަރު ތުންފަތް ހިކުމުން ދުރުކޮށް ދިނުމަށް ގޭގައި ބޭނުން ކޮށްލެވިދާނެ ގުދުރަތީ ރެމެޑީތަކެވެ.

1- ކާށި ތެޔޮ

ކާށިތެލަކީ އޭގައި ހުންނަ ގުދުރަތީ މާއްދާތަކުން، ހިކިފައިވާ ތުންފަތަށް ވަރަށް އަވަހަށް ފަރުވާ ލިއްބައިދޭ އެއްޗެކެވެ. މީގެ އިތުރުން ކާށިތެލުގައި ހުންނަ އެންޓި އިންފްލެމެންޓަރީ މާއްދަތަކުން ތަދުތަކަށް ފަރުވާ ލިބެއެވެ.

2- ކޮކޯ ބަޓަރ

ގުދުރަތީ މައްދާތަކުން މުއްސަންދި ވެފައިވާ ކޮކޯބަޓަރ އަކީ މާބަނޑު ދުވަސްވަރު ހަންގަނޑުގައި އުނގުޅަން އެންމެ ރައްކާތެރި އެކައްޗެވެ. މާބަނޑު މީހާގެ ބަނޑުގައި ސްޓްރެޗް މާކް ލުމުގެ ކުރިން ކޮކޯ ބަޓަރ އުނގުޅާފައި ތެތްކޮށް ބެހެއްޓުމުން ސްޓްރެޗް މާކުލުމުން ވެސް ދުރުކޮށްދެއެވެ.

3- ޝީ ބަޓަރ

ޝީ ބަޓަރގައި ހުންނަ “ފެޓް” އިން ތުންފަތުގައި ތެތްކަން ހިފަހައްޓައި ކުރަކިވުމުން ދުރުކޮށްދެއެވެ.

4- އާގަން އޮއިލް

ތަރުކާރީ ބޭނުން ކޮށްގެން އުފައްދާފައިވާ މިތެލުގައި ހުންނަ ފެޓީ އެސިޑް، ވިޓަމިން “އޭ” އަދި ވިޓަމިން “އީ” އަކީ ކުރަކި ވެފައިވާ ހަންގަނޑު ރީތިކޮށްލަން އެންމެ ރަނގަޅު 3 މާއްދާއެވެ. ކާށި ތެޔޮފޮދާކާ އެއްކޮށް ލުމަށްފަހު އާގަން އޮއިލް އުނގުޅާށެވެ.