English Edition
Dhivehi Edition

އައްޑުއަތޮޅަށް އައިސްފައިވާ ތަރައްޤީއަކީ އިނގިރޭސި ސަރުކާރުގެ ސަބަބުން އައި ތަރައްޤީ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެލިޒަބަތް 2، ނިޝާން ގާޒީގެ އިއްޒަތްތެރި ވެރިޔާ ކުއީން އެލިޒަބަތު 8 ސެޕްޓެމްބަރުގައި ނިޔާވެފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަނާގެ ހަނދާނުގައި ސްކޫތެއް ނަންގަވައި، ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުއީން އެލިޒަބަތަށް ތައުޒިޔާގެ ބަސްފުޅެއް ވިދާޅުވުމަށް ރިޔާސަތުން ދެއްވި ފުރުސަތުގައި ވާހަކަދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ އިނގިރޭސި ދައުލަތުގެ ފަރާތުން ދިވެހިރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބުނު ކަމަށެވެ. އަދި ކުއީން އެލިޒަބަތަކީ ގައުމުތަށް އެއްބައިވަންތަ ކުރުމަށާއި ސުލްހަ ގާއިމު ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ރާނީއެއް ކަމަށެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ވަރަށް ދަތިކޮށް އޮތް ދުވަސްވަރެއްގައި ގަވަރމަންޓް ހޮސްޕިޓަލު ހުޅުވިގެންދިޔައީ އިނގިރޭސި ދައުލަތުން އެހީތެރިކަމާއެކުގައިކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ 79 އަހަރު ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތުމުގެ ސަބަބުން ދެ ގައުމަށް ވެސް ގިނަ ފައިސާތަކެއް ލިބިގެން ދިޔަކަމަށެވެ.

“އެންމެ މުހިންމު ކަމަށް ފާހަގަ ކުރެވެނީ ރާއްޖޭގައި ވިރާސީ ރަސްކަމެއް، ބޯދާ ކަންމަތީގައި އޮތްއިރު އިނގިރޭސި ދައުލަތުގެ އެހީތެރިކަމާއި، ބައެއް ބޭފުޅުން ވިދާޅުވާ ގޮތުންނަމަ ނުފޫޒާ އެކު 1932 ވަނަ އަހަރު ގާނޫނު އަސާސީއެއް އުފަންވެގެން ދިޔަކަން. އެ ގާނޫނު އަސާސީ އަކީ ދިވެހިރާއްޖޭގެ ހިންގުމަށް އައި އެންމެ ބޮޑު އެއް ބަދަލު.” އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ 30 އަހަރުގެ މުއްދަތަށް އައްޑޫ ގަން އިނގިރޭސީންނާއި ހަވާލު ކުރުމުގެ ސަބަބުން ވަޒީފާތައް އުފެދި ތަމްރީނުގެ ފުރުސަތު ވެސް ދިވެހިންނަށް ލިބުނު ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ 1960 ގެ ތެރޭގައި ދެކުނުގެ ތިން އަތޮޅުން ހިންގި ވަކިވެގަތުމުގެ ބަޣާވާތަށް ނިމުން ގެނެވުނީ އިނގިރޭސީންގެ ސަބަބުން ކަމަށާއި މިއަދު އެއްދިދައެއްގެ ގޮތުގައި އެކުވެރިކަމާއެކު ދިވެހިންނަށް އުޅެވެނީ އެ ސަބަބަށްޓަކާ ކަމަށެވެ.