English Edition
Dhivehi Edition
ޔޫޓިއުބްގައި ހުރި ވީޑިއޯގެ ސްކްރީން ޝޮޓެއް. ކުޑަކުއްޖަކަށް ވާތީ ކުއްޖާގެ އައިޑެންޓިޓީ ހާމަ ނުކުރުމަށް މޫނު ބްލާރ ކޮއްފައި

ކުޑަކުދިންނަކީ ބޮޑެތި މީހުންނަށް ވުރެން ގިނައިން މެޓާ ނުވަތަ ޗޮކްލެޓްކަހަލަ އެއްޗެތި ކެއުމަށް ލޯބި ކުރާ ބައެކެވެ. ބައެއްފަހަރު ބޮޑެތިވެގެން އަންނަ އިރު ބައެއް ކުދިން ތަފާތު އެކިކަހަލަ ތަކެތި ކައި ތަހުލީލް ކޮށް ހަދާތަން ވެސް ފެނެއެވެ. އޭގެ ތެރޭގައި ޗޯކާއި ކްލޭ އަދި ތެރަސް ފަދަ ތަކެތި ރަހަބަލާ ކުދިންގެ ވާހަކަ ބެލެނިވެރިން ދައްކާތީ އަޑު އިވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވައިރަލް ވެގެންދިޔަ ވީޑިއޯ އަކީ އިންޑޮނޭޝިއާގެ 3 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މެޓާ އާއި ކޭންޑީ ކާހެން ރަބަރު ފައިވާނާއި ކަރުދާސް ފަދަ ތަކެތި ކައިހަދާ ވީޑިއޯ އެކެވެ. “ޕިޓީ” ނަމަކަށް ކިޔާ މި ކުއްޖާ އަކީ މިފަދަ ތަކެތި ކެއުމަށް ދެވި ހިފާފައި ހުންނަ ކުއްޖެއް ކަމަށް އޭނަގެ މަންމަ ވަނީ ބުނެފައެވެ.

އިންޑޮނޭޝިއާގެ ވެސްޓް ޖާވާގެ ބެކާސީގައި ހުންނަ އެމީހުންގެ ގޭގައި ނަގާފައިވާ މި ވީޑިއޯ އަށް ގިނަ ބަޔަކު ކޮމެންޓްކޮށްފައިވާއިރު މީޑިއާތަކުގެ ސަމާލުކަމަށް ވެސް ވީޑިއޯ ވަނީ އައިސްފައެވެ. އަދި ސީއެންއެން އިންޑޮނޭޝިއާއިން އެކުއްޖާގެ ގެއަށް ގޮސް ވަނީ އެމަންޒަރު އަމިއްލައަށް ބަލައި އާއިލާގެ އިންޓަވިއު ވެސް ނަގާފައެވެ.

“އަހަރެމެންގެ ދަރިފުޅަކީ ފައިވާން ކެއުމަށް ލޯބިކުރާ ކުއްޖެއް. ބަތް ކާހެން އޭނަ ފައިވާން ކާނެ. މަހެއްގެ މައްޗަށް ޕިޕީ 5 ވަރަކަށް ފައިވާންޖޯޑު ކާލާނެ. އަހަރެމެން ޕިޕީއަށް ކާން ބޭނުން ފައިވާ ގަނެވެސް ދެން. ފައިވާން ނުލިބިއްޖެއްޔާ ޕިޕީ ރޯވަރުން މަސަލަސް ކުރަން ވަރަށް އުނދަގޫވާނެ” ކުއްޖާގެ މަންމަ މީޑިއާއަށް ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

ޕިޕީގެ މަންމަ ބުނީ ކުއްޖާ ކާން ދެނީ މުޅިން އާ ފައިވާން ކަމަށެވެ. އަދި ކާން ދިނުމުގެ ކުރިން ރަނގަޅަށް ދޮވެ ސާފު ކުރާކަމަށެވެ. މަންމަ ބުނީ ފައިވާނުގެ އިތުރުން ކާޑުބޯޑު އަދި ކަރުދާސް ފަދަ ތަކެތި ވެސް ޕިޕީ ކައި ހަދާ ކަމަށެވެ.

“ޕިޕީ ދުވަހަކުވެސް ނޫޅޭނެ ބަނޑުގެ މައްސަލައެއް ޖެހިގެން ނޫނީ ބަނޑަށް ތަދުވާތީއެއްވެސް. ހަޖަމު ކުރުމާއި ކާ ތަކެތި ދިރުވުމުގެ އަދި ސިއްހީ އެއްވެސް މައްސަލައެއް ދިމާނުވޭ މިހާތަނަށް. ހީވަނީ އޭނަ ކާ އެއްޗެތި ބޮޑުކަމުދާއިރު ނަޖިހާއެކު ބޭރުވަނީހެން” މަންމަ އިތުރަށް ކިޔައިދިނެވެ.

ފެމިލީޑޮކްޓަރ.އޯއާރޖީ އާއި ހަވާލާދީ އެ މީޑިއާގައި ބުނެފައިވަނީ “ޕިކާ” އަކީ މީހުން އާންމުކޮށް ކާއެއްޗެތި ނޫން ތަކެތި ކެއުމުގެ ޑިސްއޯޑާރ އަށް ކިޔާ ނަމެއް ކަމަށެވެ. މި ބަލި ހުންނަ މީހުން ނަޖިހާއި، ކްލޭ، ކުލަ، އިސްތަށި، ސިނގިރެޓް އަޅި، ގާ، ސިމެންތި، ރަބަރުން ހަދާފައި ހުންނަތަކެތި އަދި ކަރުދާސް ފަދަ ތަކެތި ކައި ހަދާކަމަށެވެ.

އާންމު ގޮތެއްގައި ބަލި ޖެހޭތަަން ފެންނަނީ ކުޑަކުދިންނަށެވެ. އަދި 1 އަހަރާއި 6 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން %10 އާއި %30 ކުދިންގެ ކިބައިން މި އަލާމާތްތައް ފެންނަ ކަމަށް ވެއެވެ.

އާންމު ގޮތެއްގައި މި ބަލިޖެހެނީ މިނަރަލްސް ނުވަތަ ދަގަނޑުގެ މާއްދާ ހަށިގަނޑުން މަދުވުން، ސިކުނޑިއަށް އަނިޔާއެއްވުން، އެހެން މީހުންގެ ސަމާލުކަން ހޯދުމަށް ނުވަތަ އާއިލާއިން އަޅާނުލުން ފަދަ ކަންތައްތަކުގައެވެ. އަދި ކުއްޖަކު މިފަދަ ކަމެއް ކުރާނަމަ އޭނަގެ ކިބައިން އެކަން ހުއްޓުވުމަށް ބެލެނިވެރިން މަސައްކަތް ވެސް ކުރަން ޖެހެއެވެ. އެގޮތުން ކެވޭނެ އެއްޗެއްސާއި ކާން ނުޖެހޭ އެއްޗެތި ކިޔައިދީ އެފަދަ ތަކެތި ކެއުމުން ލިބޭނެ ގެއްލުން ވިސްނައިދީ އަދި އެފަދަ ތަކެތި ފަސޭހައިން ލިބޭނެ ގޮތް ގޮތާއި ދުރުކޮށް އެކަމުން ދުރިހެލި ކުރަން ޖެހޭކަމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ.