English Edition
Dhivehi Edition

2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ޑިޖިޓަލް ސަރވިސަސް ޕާޓްނަރުގެ ގޮތުގައި ދިރާގު ހަމަޖައްސައި އެކުންފުންޏާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމް.ބީ.އެސް އާއި ގުޅިގެން ދިރާގުން ދަނީ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ހަރަކާތްތަކުގައި ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދީ، ބޯހިމެނުމުގެ ތަމްރީނު ދިނުމާއި މަޢުލޫމާތު އެއްކުރުމުގެ މުއްދަތުގެ ތެރޭގައި ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 13 އިން 25 ސެޕްޓެންބަރުގެ ނިޔަލަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ އާބާދީގެ އެންމެހާ ރައްޔިތުންނާއި މީހުން ދިރިއުޅޭ ގެތަކާއި، އިޤްތިޞާދީ ޙަރަކާތްތައް ހިންގާ މަރުކަޒުތަކުގެ ބޯހިމެނުން ކުރިއަށްދާނެއެވެ.

މީގެ ސަބަބުން ޤައުމީ ފެންވަރުގައާއި، އަތޮޅު ފެންވަރުގައާއި، ރަށު ފެންވަރުގައި މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދީ، ރައްޔިތުންނަށް ބޭނުންވާ ޢާންމު ޚިދުމަތްތައް ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މުޅި ދިވެހިރާއްޖެއަށް އަމާޒުކޮށްގެން ބާއްވާ މި ޙަރަކާތަށްޓަކައި 4000 އަށްވުރެ ގިނަ އެނިއުމަރޭޓަރުންނާއި 100 އަށްވުރެ ގިނަ ޓްރެއިނަރުންވަނީ ހޮވާ ތަމްރީނުކޮށްފައެވެ.

“2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ޑިޖިޓަލް ޕާޓްނަރަށްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ނުހަނު ބޮޑު އުފަލެއް. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ތަރައްޤީގެ ކުރިމަގު ބައްޓަންކުރާނެ މި މުހިންމު ޤައުމީ ހަރަކާތް ކުރިއަށް ގެންދިޔުމަށް މަގުފަހިކޮށްދިނުމުގައި އެމް.ބީ.އެސް އާއި 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް.” ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާރކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

“2022 ވަނަ އަހަރުގެ ބޯހިމެނުމުގައި ދިރާގުން އަމަލީ ގޮތުން ބައިވެރިވެ އަޅުގަނޑުމެންނަށް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. މިއަހަރުގެ ބޯހިމެނުމަކީ ކާމިޔާބު ހަރަކާތަކަށް ހެދުމަށާއި މީގެ މުހިންމުކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް އެކުންފުނީގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށްވެސް އަޅުގަނޑުމެން ޝުކުރު އަދާކުރަން،” އެމްބީއެސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް ދިމިތިބޭނީ ދިވެހިރާއްޖޭގެ ޚިދުމަތްތައް އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދޭނެ ގައުމީ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށް ފުރިހަމަކުރުމަށެވެ.

ޓެގު