English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑު އަތުން ބަލިވެ، އާސެނަލުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާއަށް ނިމުން އަތުވެއްޖެއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުން އާސެނަލް ބަލިވީ 1-3 ގެ ނަތީޖާއިންނެވެ.

މި މެޗުގެ ކުރިން އާސެނަލުން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ފަސްމެޗުން ވެސް މޮޅުވެފައެވެ. ރޭގެ މެޗުން ބަލިވި ނަމަވެސް އާސެނަލް މިވަގުތު އަދި އޮތީ ކުޅުނު ހަ މެޗުން ލިބުނު 15 ޕޮއިންޓާއި އެކު ލީގު ތާވަލްގެ އެއްވަނާގައެވެ. މިއީ މިފަހަރުގެ ޒީޒަނުގައި އާސެނަލް ބަލިވި ފުރަތަމަ މެޗެވެ.

އާސެނަލުން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި ބުކަޔޯ ސަކާ އާއި ގެބްރިއަލް މާޓިނެލީގެ ނުރައްކާ ޔުނައިޓެޑަށް ކުރިމަތިވި އިރު، އެޓީމުން ވަނީ މެޗުގެ 12 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ލީޑު ނެގުމާ ގާތަށް ޖެހިލައިފައެވެ. މެދުތެރެއިން ކްރިސްޓިއަން އެރިކްސަން އަތުން މާޓެން އޮޑިގާޑް ބޯޅަ އަތުލާ މާޓިނެލީއަށް ދިން ބޯޅަ އޭނާ ހިފައިގެން ގޮސް ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމައިފައެވެ. މާޓިނެލީ ޖެހި މި ގޯލު ގޯލެއްކަމަށް ހިމަނާފައި ނުވަނީ އެރިކްސަންއަށް ފައުލް ކޮށްފައި ވާ ކަމަށް ބުނެއެވެ.

އެއަށް ފަހުވެސް ރަނގަޅަށް ކުޅެމުން އައީ އާސެނަލުންނެވެ. ނަމަވެސް އާސެނަލް މުޅި ޓީމު އެޓޭކަށް ކުރިޔަށް އަރާއޮތް ވަގުތު މެޗުގެ 35 ވަނަ މިނެޓުގައި ޔުނައިޓެޑުން އުފެއްދި ކައުންޓާ އެޓޭކެއްގައި އެޓީމުން ވަނީ ލަނޑުޖަހާ ލީޑު ނަގާފައެވެ. މާކަސް ރަޝްފޯޑު ތަނަވަސްކޮށްދިން ހުސް ފުރުސަތެއްގައި ޔުނައިޓެޑަށް ލީޑު ނެގި ލަނޑު ކާމިޔާބު ކޮށްދިނީ މިފަހަރުގެ ސީޒަނަށް އަލަށް ޔުނައިޓެޑާއި ކުޅުނު އެންޓޮނީ ސަންތޯސްއެވެ.

މެޗުގެ ފަހު ހާފަށް ކުޅެން ނިކުމެވެސް ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތައް ތަނަވަސް ކޮށްފައިވަނީ އާސެނަލުންނެވެ. އެގޮތުން އޮޑިގާޑާއި ޖީސުލް ފޮނުވާލި ހަމަލާތައް ފާހަގަ ވިއެވެ. ޖީސަސްގެ ހަމަލާ ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، އޮޑެގާޑަށް ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ދިޔައީ ގޯލާ ސީދާ ނުވެއެވެ.

އާސެނަލްއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 60 ވަނަ މިނެޓުގައެވެ. އާސެނަލަށް ނަތީޖާ އެއްވަރުކޮށްދިން ގޯލު ޖަހައިދިނީ ބުކަޔޯ ސަކާއެވެ. މި ގޯލާއި އެކު ޔުނައިޓެޑުން ބަދަލުތައް ގެނައެވެ. އެގޮތުން ބެންޗުގައި އިން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ފްރެޑް ކުޅެން އެރުވިއެވެ. އާސެނަލްއަށް ބޮނޑި ލިބުނީ މުޅި ޓީމު ގޯލުޖަހަން ކުރިޔަށް އަރައި އޮތް ވަގުތު ކައުންޓާގައި ޔުނައިޓެޑުން ވައްދާލި ގޯލުތަކުންނެވެ.

ކައުންޓަރ ގައި ޔުނައިޓެޑުން 66 ވަނަ މިނެޓާއި 75 ވަނަ މިނެޓުގައި ގޯލުތައް ޖެހިއިރު، މި ދެ ގޯލުވެސް ޔުނައިޓެޑަށް ޖަހައިދިނީ މާކަސް ރަޝްފޯޑްއެވެ.

ރޭގެ މޮޅާއި އެކު ލިބުނު 12 ޕޮއިންޓާއި އެކު ޔުނައިޓެޑުން ވަނީ ލީގުގެ ފަސްވަނައަށް ޖެހިލާފައެވެ.