English Edition
Dhivehi Edition

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިމަޝްރޫއުގެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ މިމަޝްރޫއުގެ ދަށުން ބެޑް ޕްރިޕަރޭޝަންގެ މަސައްކަތް 03 ސެޕްޓެންބަރުގައި ފަށާފައިވާ ކަމަށެވެ. .

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރޭގައި 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ. އެމްޓީސީސީގެ އަމާޒަކީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ރަތަފަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވީހާ އަވަހަކަށް ހައްލުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުގެ އަގަކީ 27.8 މިލިއަން ރުފިޔާއެވެ.

ގދ. ރަތަފަންދޫގެ 1385 އެއްހާ ރައްޔިތުން ރަށްގިރުމުގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާތާ ވަނީ އެތައް އަހަރެއްވެފައެވެ. ރަށްގިރުމާއި ހުޅަނގުގައި އުދަ އެރުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި ރަށުގެ އެތެރޭގެ ބޮޑުބަޔަކަށްވަނީ އުދައެރުމުގެ މައްސަލަ ކުރިމަތިވެފައެވެ. އަދި އުދައެރުމުގެ ސަބަބުން ދަނޑުބިންތަކަށާއި މީހުން ދިރުއުޅޭ ގޯތިތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.