English Edition
Dhivehi Edition

ގދ. ގައްދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މި މަސް ތެރޭގައި ފަށާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކް ވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ދަށުން އެރަށުގެ ރިންގްރޯޑް ހިމެނޭހެން ބޮޑު 06 މަގެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.

ގައްދޫ މަގު ހެދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އާރް.ޑީ.ސީ އާއި ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރެއިން ޖުމްލަ 06 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިގެންދާނެއެވެ.

އެންމެ ބާރަށް ކުރިއަށްދަނީ ގދ. ގައްދުއާއި ތ. ތިމަރަފުށީގެ މަގު ހެދުމުގެ މަސައްކަތްކަމަށާއި އެ ދެ ރަށުގައި މިމަހު ތާރު އަޅަން ފަށާނެކަމަށް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

ގައްދޫ ބައެއް މަގުތަކުގައި ވެހިކަލު ދުއްވަން އުނދަގޫވުމާއި، ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވާ ކަމުގެ ޝަކުވާއަކީ އެ ރަށު ރައްޔިތުން ދުވަސްތަކެއްވަންދެން ކުރަމުންދިޔަ ޝަކުވާތަކެކެވެ. މަގުހެދުމުގެ މަޝްރޫޢާއެކު އެ ޝަކުވާތަކަށް ނިމުމެއް އައިސް، ރަށަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ގދ. ގައްދޫ ކައުންސިލުންވެސް ފާހަގަކުރައްވައެވެ.

ދިވެހި ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުން 75 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން، ޓްރެފިކް ނިޝާންތައް ކުރެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. ގައްދޫއަކީ ގދ. އަތޮޅުގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ރަށެވެ.

މީގެއިތުރުން ގދ. ތިނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނެކަމަށް އާރްޑީސީން ބުނެއެވެ.