English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ޗެލްސީ މޮޅުވިއިރު، ލިވަޕޫލް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

މިރޭ ވެސްޓް ހަމްއާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވީ ފަހަތުން އަރާ 1-2 ގެ ނަތީޖާއިންނެވެ.

ޗެލްސީ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ވެސްޓް ހޭމް އިންނެވެ. ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ހެދި ގޯހެއްގެ ފައިދާނަގައި ވެސްޓް ހޭމަށް ލީޑުނަގައިިދިނީ މިކޭލް އެންޓޯނިއޯ އެވެ. ކޯނަރެއްގައި ޗެލްސީ އޭރިއާތެރެއިން ޑެކްލަން ރައިސް ދިން ބޯޅަ އެންޓޯނިއޯ ވަނީ ގޯލު ރޮނގުމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ވެސްޓުހަމުން ލީޑު ނެގި ނަމަވެސް ފަހުހާފުގެަިއ ގެނައި ބަދަލުތަކާއި އެކު ޗެލްސީން ވަނީ ކުޅުން ރަނގަޅު ކޮށް ވެސްޓްގެ ފަހަތަށް ބާރު ބޮޑުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ޗެލްސީން ވަނީ ފުލުފުލު ދެ ލަނޑު ޖަހާ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ. މެޗުގެ 72 ވަނަ މިނިޓްގައި މާކް ކުކުރޭލާގެ ބަދަލުގައި ކުޅެން އަރައި، ޗިލްވެލް ވަނީ 76 ވަނަ މިނިޓްގައި ޗެލްސީ އަށް އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 88 ވަނަ މިނިޓްގައި ކައި ހަވާޓްޒް ވަނީ ޗެލްސީގެ ދެވަނަ ގޯލު ޖަހައި ލީޑުނަގައިދީފައެވެ.

މި މެޗުގެ އިތުރު ވަގުތުގައި މެކްސްވެލް ކޯނޭ ވެސްޓް ހޭމް އަށް ގޯލެއް ޖަހައިދިން ނަމަވެސް ވީއޭއާރް އިން އެ ގޯލު ވަނީ ބަލައިނުގަންފައެވެ. އެއީ ޗެލްސީގެ ކީޕަރު މެންޑީ އަށް ފައުލުކޮށްފައިވާތީ އެވެ.

މިރޭ ލިވަޕޫލް އަދި އެވަޓަން ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.

އެވަޓަން ދަނޑުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހަން ފުރުސަތު ލިބުނެވެ. ފުރަތަމަ ހާފުގައި އެވަޓަންގެ ޓޮމް ޑޭވިސް ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ލިވަޕޫލްގެ ޑާވިން ނޫނޭޒް އާއި ލުއިސް ޑިއާޒް ޖެހި ބޯޅައެއް ވެސް ދަނޑީގައި ޖެހިފަ އެވެ. ނޫނޭޒް ޖެހި ބޯޅަ ދަނޑި އަށް އަމާޒުވީ އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް އަތުގައި ޖެހިފަ އެވެ.

އެވަޓަން އިން ވަނީ މެޗުގެ 69 ވަނަ މިނިޓްގައި ގޯލެއް ޖަހައިފައެވެ. ނަމަވެސް އެވަޓަންގެ ކޮނާ ކޯޑީ ޖެހި މި ގޯލު ވީއޭއާރް އިން ބެލުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެވެ.

މިރޭ ހޯދި މޮޅާއި އެކު ޗެލްސީން 10 ޕޮއިންޓާއި އެކު ތާވަލުގެ ފަސްވަނައަށް ޖެހިލިއިރު، ލިވަޕޫލް އޮތީ ނުވަ ޕޮއިންޓާއި އެކު ތާވަލުގެ ހަ ވަނާގައެވެ.