English Edition
Dhivehi Edition

ނިމިގެން ދިޔަ ސަމަރ ޓްރާންފާ ގައި ޔޫރަޕްގެ ބޮޑު ފަސް ލީގުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުންނެވެ. އެގޮތުން މި ޓްރާންސްފާގައި އެންމެ ބޮޑު ހޭދައެއް ކުރި ފަސް ކުލަބުގެ ތެރެއިން ހަތަރު ކުލަބަކީ އިނގިރޭސި ޕްރިމިއާ ލީގަށް ނިސްބަތްވާ ހަތަރު ކުލަބެވެ.

އެންމެ ބޮޑު ހޭދައެއް ކުރި ކުލަބުތަކުގެ ލިސްޓުގެ އެއްވަނާގައި އޮތީ ޗެލްސީ އެވެ. ޗެލްސީން ވަނީ މިފަހަރުގެ ޓްރާންސްފާ ގައި ޖުމުލަ 275 މިލިއަން ޕައުންޑު ހޭދަކޮށްފައެވެ. އެއީ ނިމިގެން ދިޔަ ސީޒަނަށްވުރެ 157 މިލިއަން ޕައުންޑު އިތުރު އަދަދެކެވެ. ޗެލްސީއަށް މިފަހަރުގެ އައު ސީޒަނަށް ނުވަ ކުޅުންތެރިއަކު ގެނެސްފައިވެއެވެ.

ދެވަނައަށް ވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ހިމެނޭ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. އެޓީމުން ވަނީ މިފަހަރުގެ ޓްރާންސްފާގައި ޖުމުލަ 194 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ. މިއީ ނިމިގެން ދިޔަ ސީޒަނުގައި ހޭދަކުރި އަދަދަށްވުރެ 54 މިލިއަން ޕައުންޑް އިތުރު އަދަދެކެވެ. ޔުނައިޓެޑުން ވަނީ މިފަހަރުގެ އައު ސީޒަނަށް ހަ ކުޅުންތެރިއަކު ގެނެސްފައެވެ.

ތިން ވަނަ އަށް ވެސް އޮތީ ހަމަ އިނގިރޭސި ލީގުގެ ކުލަބެކެވެ. އެއީ ވެސްޓް ހަމް ޔުނައިޓެޑެވެ. އެޓީމުން ވެސް ވަނީ މިފަހަރުގެ ޓްރާންފާ ގައި 162 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ. މިއީ ނިމިގެން ދިޔަ ސީޒަނުގައި ހޭދަކުރި ވަރަށް ވުރެ 87.5 މިލިއަން ޕައުންޑު އިތުރު އަދަދެކެވެ. ވެސްޓު ހަމްއަށް މިފަހަރުގެ ސީޒަނަށް އަށް ކުޅުންތެރިއަކު ގެނެސްފައިވެއެވެ.

ހަތަރު ވަނައަށް ވެސް އޮތީ މިފަހަރު ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ނޮޓެންހަމް ފޮރެސްޓް އެވެ. އެ ކުލަބުން މިފަހަރުގެ ޓްރާންސްފާގައި ޖުމުލަ 154 މިލިއަން ޕައުންޑް ހޭދަކޮށްފައިވެއެވެ. އެޓީމުން ވަނީ މިފަހަރުގެ ސީޒަނަށް 21 ކުޅުންތެރިއަކު ގެނެސްފައެވެ.

އަދި ފަސްވަނައަށް އޮތީ ސްޕެއިންގެ ކުލަބެއް ކަމުގައިވާ ބާސެލޯނާއެވެ. ބާސެލޯނާއިން މިފަހަރުގެ ޓްރާންސްފާގައި ޖުމުލަ 132 މިލިއަން ޕައުންޑް ހޭދަކޮށްފައިވެއެވެ. މިއީ ނިމިގެން ދިޔަ ސީޒަނުގައި ހޭދަކުރި އަދަދަށްވުރެ 62.5 މިލިއަން ޕައުންޑު އިތުރު އަދަދެކެވެ.