English Edition
Dhivehi Edition

ކޮކޯ ބޮޑުހިތި ފުޓްބޯޅަ ކޮމިޔުނިޓީ އިން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ ތްރީ އޮން ތްރީ ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކުން އެފްސީ މިޝަން ޕްލަސް އާއި ޕީނިކްސް، ޓައިގަރ އަދި އެފްސީ ކަށިކުނބުރު މޮޅުވެއްޖެއެވެ.

އިއްޔެވެސް މި މުބާރާތުގެ ހަތަރު މެޗެއް ކުޅެވި ދިޔައިރު، އިއްޔެ ހަވީރު ކުޅުނު ފުރަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ ކޮކޯ ލޯބި އަދި މިޝަން ޕްލަސްއެވެ. މި މެޗު 0-4 ގެ ނަތީޖާއިން ކާމިޔާބު ކުރީ މިޝަން ޕްލަސްއެވެ. މިއީ މި މުބާރާތުގައި މިޝަން ޕްލަސް މޮޅުވި ދެވަނަ މެޗެވެ. އެޓީމު ފުރަތަމަ މެޗުގައި ޕީއެސްޖީ އާއި ވާދަކޮށް މޮޅުވެފައިވަނީ 2-3 ގެ ނަތީޖާއިންނެވެ. އެހެން ކަމުން މިޝަން ޕްލަސް އަށް މިހާރުވަނީ ސެމީގެ ޖާގައެއް ކަށަވަރު ވެފައެވެ. އަދި މި މެޗުގައި މިޝަން އަތުން ބަލިވި ކޮކޯ ލޯބި ވަނީ ކުޅުނު ދެމެޗުންވެސް ބަލިވެ މުބާރާތުން ކަޓާފައެވެ. އިއްޔެގެ މެޗުގައި މިޝަން ޕްލަސް އަށް ލަނޑުތައް ޖަހައިދިނީ ނާހިލް އާއި މާހިރުއެވެ. އެޓީމުގެ ފަހު ލަނޑަކީ ކޮކޯ ލޯބި ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިޝަންގެ މާހިރުއެވެ.

ދެވަނަ މެޗުގައި ބަައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ އެފްސީ ކަށިކުނބުރު އާއި ވާނުވާއެވެ. މި މެޗު 0-7 ގެ ނަތީޖާއިން ކާމިޔާބު ކުރީ އެފްސީ ކަށިކުނބުރު ޓީމުންނެވެ. މިއީ މި މުބާރާތުގައި އެޓީމުން ހޯދި ފުރަތަމަ މޮޅެވެ. މުބާރާތުގައި އެޓީމުން ކުޅުނު ފުރަތަމަ މެޗު ވަނީ އެއްވަރުވެފައެވެ. އަދި މި މެޗުން ބަލިވި ވާނުވާ ވަނީ ކުރިން އެޓީމު ޓައިގަރ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެފައެވެ. އެހެން ކަމުން އަދި މި ދެޓީމަށް ވެސް ސެމީއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މި މެޗުގައި ކަށިކުނބުރަށް ލަނޑުތައް ޖަހައިދިނީ ޖަމްބެ އާއި ޝާމު އަދި ރަޝީދުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޝާމު އެވެ.

އިއްޔެ ކުޅުނު ތިންވަނަ މެޗުގައި ބައްދަލުކުރީ ފީނިކްސް އާއި ޕީއެސްޖީއެވެ. މި މެޗު 2-4 ގެ ނަތީޖާއިން ކާމިޔާބު ކުރީ ފީނިކްސްއެވެ. މިއީ މި މުބާރާތުގައި ފީނިކްސް ހޯދި ދެވަނަ މޮޅެވެ. ފުރަތަމަ މޮޅު އެޓީމުން ހޯދީ މުބާރާތުގެ ފުރަތަމަ ކުޅުނު މެޗުގައި ކޮކޯ ލޯބި ޓީމާއި ވާދަކޮށް 2-5 ގެ ނަތީޖާއިންނެވެ. މި މޮޅާއި އެކު ފީނިކްސް މިހާރު ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ޕީއެސްޖީ ވަނީ މި މުބާރާތުގައި މިހާތަނަށް އެޓީމުން ކުޅުނު ދެ މެޗުން ވެސް ބަލިވެ މުބާރާތުން ކަޓާފައެވެ.

އިއްޔެ ފީނިކްސް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގައި ފީނިކްސް އަށް ލަނޑުތައް ޖަހައިދިނީ ސިޔާން އާއި ނާޒިޝް އަދި ހުސަންޓޭއެވެ. ޕީއެސްޖީގެ ލަނޑުތައް ޖަހައިދިނީ ވިއާލީ އާއި ހާޒިމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފީނިކްސްގެ ސިޔާންއެވެ.

އިއްޔެ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ޓައިގަރ އަދި އޮރެކަލް އެވެ. މި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޓައިގަރ އެވެ. މިއީ ޓައިގަރ މި މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ. އެޓީމުން މި މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން ވަނީ ވާނުވާއަތުން ބަލިވެފައެވެ. މި މެޗުން ބަލިވި އޮރެކަލް ވަނީ މިހާތަނަށް އެޓީމު ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވެފައެވެ. އެޓީމުން ކުޅުނު ފުރަތަމަ މެޗު ވަނީ އެއްވަރުވެފައެވެ. ޓައިގަރ އަދި އޮރެކަލް ބައްދަލުކުރި މެޗުގައި ޓައިގަރ އިން ޖެހި ހަމަ އެކަނި ލަނޑު ޖަހައިދިނީ ފާރޫގްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ އޭނާއެވެ.

މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިއަދު ހަވީރު ކުޅޭއިރު، މިއަދު ހަވީރު 5:00 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޮރެކަލް އާއި ވާނުވާއެވެ. އަދި 5:30 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ފީނިކްސް އާއި މިޝަން ޕްލަސްއެވެ. އަދި 6:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓައިގަރ އާއި އެފްސީ ކަށިކުނުބުރު އެވެ. އަދި 6:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކޮކޯ ލޯބި އާއި ޕީއެސްޖީއެވެ.