English Edition
Dhivehi Edition

އެހެން މީހުންގެ ސަނާއާއި ތައުރީފް ހޯދުމަށް ނުވަތަ ކަންދެއްކުމުގެ ނިޔަތުގައި ކަންކަން ކުރުމަކީ އެކަމުން ތިމާއަށް އެއްވެސް މަންފާއެއް ކުރާނެ ކަމެއްނޫނެވެ. ކަންދެއްކުމުގެ ނިޔަތުގައި އެއްވެސް އަމަލެއް ކުރާނަމަ އެކަމުގެ ސަބަބުން ތިބާ ކުރާ ހެޔޮ އަމަލުގެ ސަވާބު ނެތިކޮށްލައެވެ.

ކުރާ ހެޔޮ އަމަލުތަކުގެ ސަބަބުން ސަވާބު ނެތިކޮށްލާ ކަންތައްތަކުގެ ތެރޭގައި ކުޑަ ޝިރްކާއި ކަންދެއްކުން ހިމެނެއެވެ. އަދި އަހަރެމެންގެ ލޮބުވެތި ރަސޫލާ މުހައްމަދު صلى الله عليه وسلم އެކަލޭގެފާނުންގެ ސަހާބީންނަށް ކަންދެއްކުމާއި ދުރުހެލިވެވަޑައިގަތުމަށް ނަސޭހަތް ދެއްވިއެވެ.

ކުޑަ ޝިރްކަކީ ވަރަށް ވަންހަނާކަން ބޮޑު ކަމެއްކަމަށް ވާއިރު، ކަޅު އަނދިރި ރޭރޭގައި، ކަޅުހިލަމަތީގައި ކަޅު ހިނި ހިރޭ ހިރުމަށްވުރެވެސް މިކަމުގެ ވަންހަނާ ބޮޑުކަންވެސް ޢިލްމުވެރިން ވިދާޅުވެއެވެ.

ކުޑަ ޝރުކަކީ ކަންދެއްކުން ކަމަށް ވާއިރު، އެއީ އަލްމަސީހުއް ދައްޖާލަށްވުރެ ތިޔަބައިމީހުންގެ މައްޗަށް ބިރުވެރިކަން ބޮޑު ކަމެއްކަމަށް ވެސް ހަދީޘް ތަކުން އެނެގެއެވެ. އަދި ސަނާ އާއި ތައުރީފް ހޯދުމުގެ ނިޔަތުގައި ކަންކަން ކުރުމަކީ އޭނާ ކުރާ ހެޔޮޮ އަމަލުގެ ސަވާބު ނެތިކޮށްލާނެ ކަމަކަށް ވާއިރު، ކުރާ ކޮންމެ ޢަމަލެއް މާތްﷲއަށް ޚާލިސް ނުކުރާނަމަ އާޚިރަތް ދުވަހުން މީސްތަކުންގެ ކުރިމަތީގައި އޭނާ ފަޟީހަތްކުރައްވާނެ ކަމަށް ވެސް ޢިލްމުވެރިންގެ ބަސްތަކުން އެނގެއެވެ.

ދަންނާށެވެ. އަމިއްލަ އެދުން ބޮޑުކޮށް ސަނާއާއި ތާރީފުކުރުމަށް ލޯބިކުރާ ވަރަކަށް އިޚްލާސްތެރިކަން ފަނޑުވަމުން ދާނެއެވެ. އެއީ މާތްﷲ ގަބޫލުކުރައްވާނީ އެއްވެސް ކިލަނބުކަމެއް ނެތް، ސާފު ސޯލިހު އަމަލުތައް ކަމުގައިވާތީއެވެ.

“ކަންދެއްކުމުގެ ކުޑަ މިންވަރަކީވެސް ޝިރްކެވެ. އެދުވަސް އަންނާނެ ކަމާމެދު އެއްވެސް ޝައްކުކަމެއް ނެތް ގިޔާމަތް ދުވަހު މާތްﷲ، ކުރީގެ އެންމެންނާއި ފަހުގެ އެންމެން އެއްކުރެއްވުމުން ގޮވާލާ މީހަކު ގޮވާލާނެއެވެ. އެމީހެއްގެ އަމަލުގައި، ﷲއާ އެކު އެހެން ފަރާތެއް ބައިވެރި ކުރި މީހަކު، އެކަމުގެ ސަވާބު އޭނާގެ ކިބައިން ފަހެ ހޯދާށެވެ. ހަމަކަށަވަރަުން ޝަރީކުކުރެވޭ ފަރާތްތކަުން މާތްﷲ ވަނީ ފުދިވޮޑިގެންނެވެ.”

ކަންދެއްކުމަކީ މުނާފިގުންގެ ސިފައެކެވެ. އެހެން ކަމުން ކަންދެއްކުމަށް ކުރާ ރަނގަޅު ސާލިހް އަމަލުތައް ވެސް އެކަމުގެ ސަބަބުން ފާސިދުވެގެންދާނެއެވެ.

މިޒަމާނަށް ބަލާއިރު، ބައެއް މުސްލިމުން އެމީހުން ކުރާ ހެޔޮ ޢަމަލުތައް ކުރުމަށްފަހު އެވާހަކަ މީސްމީޑިއާގައި ފަތުރަމުން ދާ ތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. މި ގޮތައް ކަންތައް ކުރުމަކީ މިއީ ޝައްކެތްވެސް ނެތްގޮތުގައި ކަންދެއްކުމުގެ ގިއުގަނޑަށް ފެތޭ ކަންތައް ތަކުގެ ތެރެއިން ވާކަމެކެވެ. އެހެން ކަމުން މިފަދަ ކަންކަމުން ދުރުހެލިވާން ޖެހެއެވެ.

ކަންދެއްކުމަކީ ޝައިތާނެ ދޮރޯށްޓެއް ކަމަށް ވާއިރު، އެއީ އަޅުގަނޑުމެންގެ ސާލިހް އަމަލުތައް ޚަރާބުކުރާ ވައިރަހެކެވެ. މިވައިރަސް މަރާލުމަށް ބޭނުންކުރަންޖެހޭ ވެކްސިނަކީ އިޚްލާސްތެރިކަމެވެ.

އެހެން ކަމުން ކަންދެއްކުމަށް އަމަލުތައް ކުރުމުގެ ބަދަލުގައި އިޚްލާސްތެރިކަމާއި އެކު ކުރާ ކޮންމެ އަމަލެއް ކޮށް އަހަރެމެންގެ ހެޔޮ އަމަލުތައް ފޮރުވައި، ވަންހަނާކުރުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހެއެވެ.

ނޯޓް: އިސްލާމީ ތިލަދަތުގެ ދަރުހަކުން ނަގާފައި