English Edition
Dhivehi Edition

ނަމޫނާ ޕާޓީއަކަށް ޕީޕީއެމްވެފައިވަނީ އެ ޕާޓީގެ އެންމެހާ މެމްބަރުންނާއި ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން މިހާތަނަށް ކޮށްދެއްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުންކަމަށް އެޕާޓީގެ މުޝްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޕާޓީން ނެރެފައިވާ ބަޔާނުގައި ޕާޓީގެ މުސްތަޝާރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އަދި ޕާޓީގެ ލީޑަރޝިޕްގެ ފަރާތުން ޕީޕީއެމްގެ މެންބަރުންނަށާއި ރައްޔިތުންނަށް އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ކާމިޔާބު ސިޔާސީ ޕާޓީއަކީ ޕީޕީއެމްކަން ކަށަވަރުވާކަމަށާއި މިހާތަނަށް އެ ޕާޓީއަށް ލިބިފައިވާ ކާމިޔާބީތައް ދެމެހެއްޓުމުގައި މިހާރަށްވުރެން ބޮޑަށް ޕާޓީގެ މެންބަރުންނާއި އަދި އެކިގޮތްގޮތުން ޕާޓީއަށް އެހީތެރިވެ ވަޑައިގަންނަވާ ފަރާތްތަކާ މެންބަރުން މަސައްކަތް ކޮށްދެއްވާނެކަމަށް ޔަގީންކުރާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. ރައީސް ޔާމީންގެ މެސެޖުގައި އެ ޕާޓީގެ މެމްބަރުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އުފާފާގަތިކަމާއި ހަމަޖެހުމާއި ކާމިޔާބީއާއި ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށާއި އަދަށްވުރެ ފެހި، ފާގަތި ދުވަސްތަކެއް މިންވަރުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސްވަނީ ވިދާޅުވެފައެވެ.