English Edition
Dhivehi Edition

އިޓަލީގެ ޓޮރީނޯ އަށް ކުޅެމުން އައި އިޓަލީ ފޯވާޑް އެންޑްރޫ ބެލޮއްޓީ އިޓަލީގެ ރޯމާއަށް ސޮއިކޮށްފިއެވެ.

ބެލޮއްޓީ ރޯމާއަށް ސޮއިކުރީ ހިލޭ ޓްރާންސްފާގައި ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސީޒަނަކަށް 2.3 މިލިއަން ޕައުންޑުގެ މުސާރައަކަށެވެ.

ބެލޮއްޓީގެ ސޮއި ރޯމާއިން ހޯދިއިރު، އޭނާ ހޯދުމަށް ޔޫރަޕްގެ ބައެއް ކުލަބުތަކުން ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ސްޕެއިންގެ ވިޔަރެއާލް އާއި ވެލެންސިއާގެ އިތުރުން އާސެނަލް އާއި ނިއުކާސަލް އަދި އެވަޓަން ފަދަ ޓީމުތަކުން ބެލޮއްޓީ ހޯދުމަށް މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް މިއިން އެއްވެސް ކުލަބަކަށް ދިއުމުގެ ވިސްނުމެއް ބެލޮއްޓީގެ ނެތެވެ. ބެލޮއްޓީ ބުނީ އޭނާ އެ ކުލަބުތަކަށް ނޫނެކޭ ބުނީ ގައުމުން ބޭރުގެ ކުލަބަކަށް ކުޅެން ބޭނުން ނުވާތީ ކަމަށެވެ.

ރޯމާއަށް ސޮއިކުރުމަށް ފަހު ބެލޮއްޓީ ބުނީ އޭނާގެ ކުރީގެ ކުލަބު ޓޮރީނޯ އަށް އަލްވަދާއު ކިޔަން ބޭނުން ނުވާކަމަށާއި އެއީ ގިނަ އހަރުތަކެއް ވަންދެން ކުޅެ ގާތް ގުޅުމެއް އޮންނަ ޓީމަކަށް ވުމުން ކަމަށެެވެ. ޓޮރީނޯ ދޫކޮށް ދާން ޖެހުމުން ވަރަށް ދެރަވާކަމަށާއި ނަމަވެސް ކެރިއަރުގައި އިތުރު ތަޖުރިބާތަކެއް ވެސް ކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

އުމުުރުން 28 އަހަރުގެ ބެލޮއްޓީ ޓޮރީނޯގައި ފަސް ސީޒަން ހޭދަކުރުމަށް ފަހު އެ ކުލަބު ދޫކޮށްލިއިރު، އޭނާ ވަނީ އެ ކުލަބަށް 232 މެޗު ކުޅެދީ 100 ލަނޑު ޖަހައިދީފައެވެ.