English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓަރ ސިޓީއާއި ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކޮށްފިއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ޗެލްސީއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން ގިނަ ހަމަލާތަކެއް ދެޓީމުން ވެސް ވަނީ އުފައްދާފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި ކޮނާ ގެލަގާއަށް ދެވަނަ ރީނދޫ ކާޑު ހަމަވެ ރަތް ކާޑު ދެއްކުމުން ޗެލްސީން މެޗުގެ ބޮޑު ބައެއް ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ނަމަވެސް ޗެލްސީން ކުޅެމުން ގެންދިޔަ ކުޅުމަށް ބަދަލު އަިސްފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެެވެއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މެޗުގެ 47 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ވަނީ ޗެލްސީއަށް ލަނޑުޖަހައިދި ލީޑު ނަގައިދީފައެވެ. އެ ގޯލަކީ މާކް ކުކުރެލާގެ އެހީތެރިކަމާއެކު އޭނާ ޖަހައިފައިވާ ގޯލެކެވެ. މީގެއިތުރުން މެޗުގެ 63 ވަނަ މިނެޓުގައި ރީސް ޖޭމްސް ތަނަވަސް ކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެން ސްޓާލިން ވަނީ ދެވަނަ ގޯލުޖަހައިފައެވެ.

އެ ގޯލުޖެހިތާ ތިން މިނެޓު ފަހުން، މެޗުގެ 66 ވަނަ މިނެޓުގައި ލެސްޓާއިން ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ވަނީ ކުޑަކޮށްފައެވެ. ޖެމީ ވާޑީގެ އެހީތެރިކަމާއެކު އެ ގޯލު ޖަހައިފައިވަނީ ހާވޭ ބާންސްއެެވެ.

އެ ނަތީޖާއާއެކު މޮޅުވެ ޗެލްސީ ވަނީ ތާވަލުގެ ހަވަނައަށް ޖެހިލައިފައެވެ. އެއީ ހަތަރު މެޗު ކުޅެގެން ލިބުނު ހަތް ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި ލެސްޓާ ތާވަލުގެ 19 ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކުއެވެ.