English Edition
Dhivehi Edition

އިނިގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ވާދަވެރި ލިވަޕޫލާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑު ކުޅުނު މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުދީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ހެރީ މަގުއާ ބެންޗުގައި ބައިތިއްބީ ބޭނުންވެގެން ނޫން ކަމަށާއި އެގޮތައް ކަންތައްް ކުރީ މަޖުބޫރު ވެގެން ކަމަށް ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

ޓެން ހާގް ބުނީ ރޮނާލްޑޯ އާއީ މަގުއާ ބެންޗުގައި ބަހައްޓަން މަޖުބޫރުވީ ޓީމުގައި ތިބި އެހެން ކުޅުންތެރިންނަށް ވެސް ފުރުސަތު ދިނުމުގެ ގޮތުން ކަމަށާއި އެއީ އޭނާ އަށް ކުރަން މަޖުބޫރު ކަމެއް ކަމަށެވެ. އެއްވެސް ކުޅުންތެރިއަކަށް ކޮންމެ މެޗެއްގައި ފުރިހަމަ 90 މިނެޓު ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިސްނާ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށާއި ޓީމުގައި އެއް ފެންވަރެއްގެ ގިނަ ކުޅުންތެރިން ތިބުމުން އެ ކުޅުންތެރިން ނަށް ވެސް ފުރުސަތު ދޭން ޖެހޭ ކަމަށް ޓެން ހާގް ބުންޏެވެ.

ޓެން ހާގް އިތުރަށް ބުނީ ކޮންމެ މެޗަކަށް ވެސް ފުރަތަމަ ސްޓާޓިންގ އެގާރަ އެކުލަވާލާއިރު، އެންމެ ފިޓްކޮށް ގޭމުގެ ތެރެއަށް ރަނގަޅަށް ވަދެވޭނެ ކުޅުންތެރިން ބަލާ އެކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭކަމަށެވެ. އަދި އެއީ ފުޓްބޯޅަ މެޗަކަށް ކުޅުންތެރިން ނެރުމަށް އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަންތައް ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް ޓެން ހާގު ބުނީ ރޮނާލްޑޯ އާއި މަގުއާ ބެންޗުގައި ބައިތިއްބައިގެން މެޗެއް ކުޅުމަކީ އޭނާއަށް ވަރަށް ހިތްދަތިވާ ކަމެއް ކަމަށާއި އެކަން ކުރަން ވަރަށް އުނދަގޫ ކަމަށެވެ. ނަމަވެސް މަޖުބޫރީ ހާލަތްތަކުގައި ބޭނުން ނުވިނަމަވެސް އެކަން ކުރަން ޖެހޭ ކަމަށް ޓެން ހާގް ބުންޏެވެ.

” ރޮނާލްޑޯ އާއި މަގުއާ ބެންޗުގައި ބަހައްޓާފައި އެތިބީ އަހަރެން ބޭނުންވެގެންނޫ. އެކަން ކުރީ މަޖުބޫރު ވެގެން. ޓީމުގައި ތިބީ އެއް ފެންވަރެއްގެ ކުޅުންތެރިން، އެހެން ކަމުން ހުރިހާ ކުޅުންތެރިންނަށް ވެސް ފުރުސަތު ދޭން މަޖުބޫރު. އެހެން ވެގެން އެކަންތައް އެގޮތައް ކުރީ. ރޮނާލްޑޯ އާއި މަގުއާ އަކީ ބެންޗުގައި ބަހައްޓާ ފެންވަރުގެ ކުޅުންތެރިން ނޫންކަން ވެސް އެނގޭ. އެއީ އަހަރެން ކުރަން ބޭނުންވާ ކަމެއް ނޫން. އެހެން ނަމަވެސް އެކަން އެގޮތައް ކުރަން މަޖުބޫރުވީ.” ޓެން ހާގް ބުންޏެވެ.