English Edition
Dhivehi Edition

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާއި ޚިލާފުވެފައިވާ ޔޫރަޕުގެ 10 ކުލަބަކާއި މެދު ފިޔަވަޅު އެޅުމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ (ޔޫއެފާ) އިން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާއި ޚިލާފުވެ ޔުއެފާ އިން މައްސަލަ ބަލަން ފަށާފައިވާ ކްލަބްތަކުގެ ތެރޭގައި ބާސެލޯނާ އާއި ޕީއެސްޖީ، ޔުވެންޓަސް، ރޯމާ އަދި އިންޓަ މިލާން ހިމެނެ އެވެ.

އިނގިރޭސި ނޫސް، ދި ޓައިމްސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޔުއެފާ އިން މައްސަލަ ބަލަނީ މި 10 ކްލަބްގެ މާލީ ރިޕޯޓްތަކަށް ބަލާއިރު، އެފްއެފްޕީގެ ގަވާއިދުތަކަށް ފެތޭ ވަރަށް ވުރެ ބޮޑަށް ހަރަދުކޮށްފައިވާތީ އެވެ. 2015 ވަނަ އަހަރު އިސްލާޙު ކޮށް އާންމު ކުރި އެފްއެފްޕީ ގަވާއިދުގައިވާ ގޮތުން ކްލަބެއްގެ ދަރަނި ތިން އަހަރަށް ބަލާއިރު، 40 އިންސައްތަ އަށް ވުރެ މަތީގައި އުޅޭނަމަ އެ ކްލަބަކަށް ހަރަދުކުރެވޭނީ ޓްރާންސްފާ މާކެޓެއްގައި ވަކި މިންވަރަކަށެވެ.

މިދިޔަ ދެ އަހަރު ތެރޭ ކުލަބުތަކުން ބޮޑު އަގުގައި ގިނަ ޓްރާންސްފާތަކެއް ކޮށްފައިވާއިރު، ޔުއެފާ އިން ބޭނުންވާ ވަރަށް އެ ޓްރާންސްފާ ތަކުގެ ތަފްސީލީ ލިޔެކިޔުން ހުށަހަޅާފައިނުވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުއެފާ އިން މި 10 ކްލަބަށް ފިޔަވަޅު އަޅާއިރު ފުރަަތަމަ ބަލާނީ ޖޫރިމަނާއެއް ދައްކަން ޖެހޭ ގޮތަށެވެ. އެކަމަކު، އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެފްއެފްޕީއާ ހިލާފުވެފައިވާ ކްލަބެއް ނަމަ އިތުރު ފިޔަވަޅު އަޅާނެ އެވެ. އޭގެ ތެރޭގައި ޔޫރަޕްގެ މުބާރާތްތަކުގައި ރަޖިސްޓްރީ ކުރެވޭ ކުޅުންތެރިންގެ އަދަދު މަދުކުރުން ވެސް ހިމެނެ އެވެ.

ޔުއެފާގެ ފައިނޭންޝިއަލް ޕެނަލުން އެފްއެފްޕީ ގަވަާއިދު އެކުލަވާލުމަށް ފަހު އެއަށް އަމަލުކުރަން ފެށީ 2011 ވަނަަ އަހަރުން ފެށިގެންނެވެ. އަދި ޔުއެފާ އިން އިތުރަށް މަޝްވަރާ ކުރުމަށް ފަހު އެފްއެފްޕީ ގަވާއިދުގެ ތެރެއިން ބައެއް ލުއި ގޮތްތައް 2015 ވަނަ އަހަރު ކްލަބްތަކަށް ހަމަޖައްސައިދިނެވެ.