English Edition
Dhivehi Edition

އާރްޓީއެލް މިނީ ބަހުގެ ޚިދުމަތުގެ ޓެސްޓް ދަތުރުތަކެއް މާލޭގައި ބާއްވައިފިއެވެ.

އެމްޓީސީސީން ކުރިޔަށް ގެންދިޔަ މިނީ ބަހުގެ ޓެސްޓް ދަތުރުގައި ބައިވެރިވީ އެމްޓީސީސީގެ އޮފިޝަލުންގެ އިތުރުން މާލެ ސިޓީ ކައުންސިލާއި ޕޮލިސް ސަރވިސަސްގެ އޮފިޝަލުންނެވެ.

މިނީ ބަހުގެ ޚިދުމަތް ފަށާއިރު ފުރަތަމަ 2 ހަފްތާގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖަައްސާނެ ކަމަށް އެމްޓީސީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ، މިދަތުރުތަކުގެ މައިގަނޑު ބޭނުމަކީ މިނީ ބަހުގެ ހިދުމަތް ކަސްޓަމަރުންނަށް ފެށުމުގެ ކުރިން، އެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުރިހަމަކުރުން ކަމަށެވެ.

އާރުޓީއެލްގެ ދަށުން މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި މާލެ ތެރޭގައި އަންނަނީ އެކަމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ބައެއް ޕާކިން ޒޯނުތައް ނަގައި އަދި މަޖީދީމަގުގެ އެއްވެސް ސަރަޙައްދެއްގައި ޕާކު ނުކުރެވޭ ގޮތް މިހާރު ވަނީ ހަދާފައެވެ.

މީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން މަޖީދީމަގުގެ ދެ ފަރާތުގައި ޕާކްކުރުން މަނާކަން އަންގައިދޭ ރޮނގުތައް މިހާރު ވަނީ ދަމައިފައެވެ. އަދި އެ ތަންތަނުގައި ޕާކު ނުކުރެވޭނެކަން އެނގުމަށް “ނޯ ޕާކިން” ކޯން ވެސް ފުލުހުން މިހާރު ވަނީ ބަހައްޓައިފައެވެ.

މާލެއާއި އަތޮޅުތަކުގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް މިދިޔަމަހުގެ 16 ވަނަ ދުވަހު އެމްޓީސީސީން ރާއްޖެއަށް ވަނީ ގެނެސްފައެވެ. މީގެ ތެރެއިން މާލޭގައި މި ޚިދުމަތް ދިނުމަށް 12 ބަހެއް ބޭނުންކުރާއިރު، ބާކީ 24 ބަސް، އަތޮޅުތަކުގައި އަންނަނީ ބޭނުން ކުރަމުންނެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

އެމްޓީސީސީން މިހާރު ވަނީ ލ.އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި މިނީ ބަހުގެ ޚިދުމަތް ފަަށާފައެވެ.