English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، (އެސްޓީއޯ) އިން ވިއްކަމުން އަންނަ ތެލުގެ އަގު ހެޔޮކޮށްފިއެވެ.

މިކަމާއި ގުޅިގެން އެސްޓީއޯއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އެ ކުންފުނިން ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، 16.77 ރުފިޔާއަށް ލިބުނު ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 16.32 ރ. އަށް ކަމަށާއި 16.55 ރުފިޔާއަށް ލިބެމުން އައި ޕެޓްރޯލް ލީޓަރެއް ލިބޭނީ 15.97 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށުމާ އެކު، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 140 ޑޮލަރަށް އުފުލުނެވެ. ނަމަވެސް، އެމެރިކާ އަދި ޗައިނާ ފަދަ ގައުމުތަކުން ތެލަށް އޮތް ޑިމާންޑް ދަށްވެ، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 86 ޑޮލަރަށް ވެއްޓިފަކަމަށެވެ.

އެ ކުންފުނިން އިތުރަށް ބުނީ ރަޝިއާ- ޔޫކްރޭން ހަނގުރާމައާ ގުޅިގެން ފާއިތުވި ހަތް އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ނުއުފުލޭ ވަރަށް މިއަހަރު އުފުލުނު ކަމަށެވެ. އެހެންކަމުން އެސްޓީއޯއަށްވެސް ތެޔޮ ފޯރުކޮށްދިނުމަށް ގޮންޖެހުންތަކާ ދިމާވި ކަމަށް އެ ކުންފުނިން ބުންޏެވެ.