English Edition
Dhivehi Edition

ތިން ވަނަ ފަރާތްތަކުން ނުފޫޒު ފޯރުވާތީ ކަމަށް ބުނެ ފީފާ އިން ވަނީ ފުޓްބޯޅައިގައި ހުރިހާ ހަރަކާތަކުން އިންޑިއާ ފުޓްބޯލް ފެޑެރޭޝަން އިއްޔެ ސަސްޕެންޑްކޮށްފައެވެ.

މި ސަސްޕެންސނުގެ ސަބަބުން، ބައިނަލްއަޤްވަމީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުގެ އިންޑިއާ ސަސްޕެންޑު ވާނެއެވެ. އިންޑިއާގެ މި ސަސްޕެންސަނާއި ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރުމަކީ ބަލއިގަނެވޭނޭ ކަމެއް ނޫން ކަމަށާއި އަދި އެއީ ފީފާގެ ޤަވައިދުގެ ދަށުން “ވަރަށް ސީރިއަސް މައްސަލައެއް” ކަމަށެވެ.

އަދި އިތުރަށް ބަޔާނުގައި ބުނެފައިވަނީ އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނަށް އެ އިދާރާ ހިންގުމުގެ ފުރިހަމަ ކޮންޓުރޯލް ލިބެންޖެހޭ ކަމަށާއި އެ އެހެން ފަރާތެއްގެ ނުފޫޒު ފޯރާހާ ހިނދަކު ސަސްޕެންސަން ދެމި އޮންނާނޭ ކަމަށެވެ. އަދި މި ސަސްޕެންޝަން އުވާލާނީ އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނަށް އެ އިދާރާ ހިންގުމުގެ ފުރިހަމަ ކޮންޓުރޯލް ލިބުމުން ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ފީފާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިމްޑިއާ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކުރުމާއި ގުޅިގެން އަންހެނުންގެ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް އިންޑިއާގައި ނުބޭއްވޭނެ ކަމަށާއި ނަމަވެސް މިހާރު ކުރިޔަށާްދާ މަޝްވަރާތަކަށް ފަހު ކުރިއެރުންތަކެއް ލިބިއްޖެ ނަމަ އެކަމާއި އިތުރަށް ވިސްނާނެ ކަމަށް ވެސް ފީފާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފީފާއިން މިހާރު ދަނީ އިންޑިއާއާއި އެކު މަޝަވަރާތައް ބާއްވަމުންނެވެ.