English Edition
Dhivehi Edition

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ މެންބަރުކަމަށް ޅ.ހިންނަވަރު ކަނިމާގެ ފާޠިމަތު އިބްރާހިމް ހޮވިއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް އިއްޔެ ބޭއްވުނު އިންތިޚާބުގައި ފާތުން އާއި ވާދަކޮށްފައިވަނީ ށ.މަރޮށި ޗަމަން އިރުޝާދު ގާސިމް އާއި ގއ. ވިލިނގިލި ފީރޯޒުގެ އަޙްމަދު ނަޖީބް އެވެ.

އިއްޔެ ބޭއްވުނު އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފާތުން އަށް 306 ވޯޓު ލިބިފައިވާއިރު، އަޙްމަދު ނަޖީބަށް ލިބުނީ 283 ވޯޓެވެ. އަދި އިރުޝާދު ގާސިމްއަށް 242 ވޯޓު ލިބުނު އިރު މި އިންތިހާބުގައި ޖުމްލަ 833 މީހުން ވަނީ ވޯޓުލާފައެވެ. މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 7034 މީހުން ތިބިއިރު، އިންތިހާބުގައި ވޯޓުލާފައިވަނީ %11.04 މީހުންނެވެ.

ކައުންސިލްގެ މެންބަރުކަމަށް އިންތިހާބުވި ފާތުންއަކީ އުފަންވީއްސުރެވެސް ލޮލުގެ ފެނުމުގައި މައްސަލަތަކެއް ހުރި ފަރާތެކެވެ. ޅައުމުރެއްގައި ލޮލުގެ ފެނުމުން މަހުރޫމްވާން ފެށިއިރު، މިއަދު އޭނާގެ އެއް ލޮލަށް އެއްގޮތަކަށްވެސް ނުފެނެ އެވެ.އަދޮ އަނެއް ލޮލަށް ގަދަ އަލީގައި ކޮންމެވެސް ވަރަކަށް ފެނެއެވެ. މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމައި އަބަދުވެސް މަސައްކަތްކުރަމުންދާ ފާތުން ވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ދިވެހި ރެޑްކްރެސެންޓްގެ އެންމެ މޮޅު ދަރުމަވެރިޔާގެ އެވޯޑު ހޯދާފައެވެ.

މީގެ އިތުރުން ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ހައްގުތައް ހޯދައިދިނުމުގެ ދާއިރާގައި ކުރި މަސައްކަތްތަކުން “ރިވެލި” އެވޯޑު ވެސް ހާސިލްކޮށްފައިވާ ފާތުން ޕަޑީ އޯޕަން ވޯޓާ ޑައިވާ ލައިސެންސް ހޯދާފައިވާ ފަރާތެކެވެ.