English Edition
Dhivehi Edition

އައިލެންޑް ބެވެރެޖެސް މޯލްޑިވްސް (އައިބީއެމް)އިން “ޓާޒާ ވެށި”ގެ ނަމުގައި ކެމްޕޭނެއް ފަށައި, އެ ކެމްޕޭނުގެ ދަށުން ތިމާވެއްޓާ ރަހުމަތްތެރި, މުޅިން އާ 2 ޕްރޮޑަކްޓެއް ތަޢާރަފުކޮށްފިއެވެ.

“ޓާޒާ ވެށި” ކެމްޕޭނުގެ މަޤްޞަދަކީ އުކާލެވޭ ޕްލާސްޓިކްގެ މިންވަރު މަދުކޮށް އަދި ދެވަނަ ފަހަރަށް ބޭނުންކުރުމުގެ ސަގާފަތް ކުރިއެރުވުގެ އިތުރުން, ޕްލާސްޓިކް ނޫން ގޮތެއް ފޯރުކޮށްދިނުމުގެ ގޮތުން އާ ޕްރޮޑަކްޓްތަކެއް ޢާންމުންނަށް ފޯރުކޮށްދިނުމެވެ.

ހޮޓެލް ޖެންގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި, “ޓާޒާ ވެށި” ކެމްޕޭނާއި އެ ކެމްޕޭނުގެ ދަށުން ތަޢާރަފުކުރި ޓާޒާގެ އާ ޕްރޮޑަކްޓްތައް ލޯންޗުކޮށްދެއްވީ ޝަރަފުވެރި މެހެމާނު, މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުالله މައުސޫމްއެވެ. މިނިސްޓަރު މައުސޫމްގެ ވާހަކަފުޅުގައި ޓާޒާގެ ޕްރޮޑަކްޓްތައް އުފެއްދުމުގައި ގިނަ ދުވަހު ބޭނުންކުރެވޭ ސަސްޓެއިނަބަލް މެޓީރިއަލްސް ބޭނުންކުރަން ފަށާފައިވާތީ އެކަމަށް ތަޢުރީފުކުރެއްވިއެވެ.

ޓާޒާގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯއަށް ތަޢާރަފުކުރި އާ ޕްރޮޑަކްޓްތަކަކީ ޓާޒާ 5ޖީ (18.9 ލީޓަރުގެ ފެންފުޅި) އަދި 500 މިލިލީޓަރާއި 1,000 މިލިލީޓަރުގެ ބިއްލޫރި ފުޅީގައި ބަންދުކޮށްފައި ހުންނަ ޓާޒާ ފެންފުޅިއެވެ. މި ޕްރޮޑަކްޓްތައް އުފައްދާފައިވަނީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ގޮތަށް, ދެމެހެއްޓެނިވި ގޮތަކަށް އެންމެ ފެންވަރު ރަނގަޅު ބޯފެން މާކެޓަށް ފޯރުކޮށްދެވޭނެ ގޮތަށެވެ. އަދި މިކަމުގެ ސަބަބުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އުފެއްދުން މަދުކުރެވޭނެއެވެ.

މި އަހަރަކީ އައިލެންޑް ބެވެރެޖެސް މޯލްޑިވްސްއަށް 20 އަހަރު ފުރޭ އަހަރެވެ. 2002 ވަނަ އަހަރު ވުޖޫދަށް އައި މި ކުންފުންޏަކީ “ޓާޒާ” ބްރޭންޑުގެ ފެންވަރު ރަގަޅު ބޯފެން އުފައްދައި, ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ޑިސްޓްރިބިއުޓްކުރާ ކުންފުންޏެވެ.

އައިބީއެމްއިން ބުނި ގޮތުގައި އެ ކުންފުނިން މިހާރު މަސައްކަތްކުރަމުން ދަނީ ތިމާވެއްޓާ ރަޙުމަތްތެރި, އަދި ދެމެހެއްޓެނިވި ތިމާވެއްޓަކަށް މަސައްކަތްކުރާ ކުންފުންޏަކަށް ވުމަށެވެ. “މި އިވެންޓުގެ މަޤްސަދަކީ ވެސް ދެމެހެއްޓެނިވި ތިމާވެއްޓަކައި އަޅުގަނޑުމެން ކުރާ, އަދި ކުރަން ރާވާފައިވާ ކަންކަމުގެ މަޢުލޫމާތު ޢާންމުންނާ ހިއްސާކުރުން,” އައިލެންޑް ބެވެރެޖެސް މޯލްޑިވްސްއިން ބުނެއެވެ.