English Edition
Dhivehi Edition

ވައިބާ ކޮމިއުނިޓީތަކާއި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ސައްހަ ނޫން ޑޮލަރު ވިއްކަމުންދާތީ މި ކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ 2021 ވަނަ އަހަރުން ފެށިގެން 2022ގެ މިހާތަނަށް ހިންގާފައިވާ މިފަދަ މުއާމަލާތްތަކާ ގުޅޭ 10 މައްސަލައެއް، ސައްހަނޫން ފައިސާގެ މައްސަލަތައް ބަލައި ތަހުގީގުކުރާ އެއް ޑިޕާޓްމަންޓްކަމަށްވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅިފައިވާކަމަށެވެ. އަދި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ހިންގަމުން އަންނަ ތަހުގީގުތަކުން ފާހަގަވެފައި ވަނީ މި އަމަލު ދެ ގޮތަކަށް ހިންގާކަމަށެވެ.

މި ގޮތުން މި އަމަލު ހިންގާ ގޮތަށް ބަލާއިރު ވައިބަރ ކޮމިއުނިޓީތައް ކަމަށްވާ މަނީ އެކްސްޗޭންޖް، ކަރަންސީ އެކްސްޗޭންޖް، އެމް.އީ.އައި.އެލް އެކްސްޗޭންޖް މެދުވެރިކޮށް ޑޮލަރުވިއްކާ ކަމަށް އިޝްތިހާރުކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިގޮތުން ޑޮލަރު ގަންނަން ބޭނުންވާ ފަރާތާއި ޑޮލަރު ވިއްކާ ފަރާތާ ދެމެދު ޕްރައިވެޓްކޮށް މެސެޖު ބަދަލުކުރެވި ފައިސާ ގަނެވިއްކުމަށް ގަޑިއާއި ތަނެއް ހަމަޖައްސާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތަހުގީގުތަކުން އެނގޭ ގޮތުގައި މިހާތަނަށް މިފަދަ ހުރިހާ މުއާމަލާތެއްވެސް ހިންގާފައި ވަނީ ރޭނގަޑުގެ ވަގުތުތަކުގައި ކަން ފާހަގަކޮށް ފުލުހުން ބުނީ ޑޮލަރު ވިއްކާކަމަށް މިފަދަ ކޮމިއުނިޓީތަކުގައި އިޝްތިހާރު ކުރާއިރު އެހެން މީހަކަށް ހެދިގެން ޝަހުސު އޮޅުވާލައިގެން އެހެންމީހުންގެ ފޮޓޯ އާއި އައިޑީ ކާޑު ފޮޓޯ އާއި މައުލޫމާތު ބޭނުންކޮށްގެންވެސް މީހުންނަށް އޮޅުވާލާފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން ޑޮލަރު ވިއްކާ ކަމަށް ބުނެ ފައިސާ ބަދަލު ކުރެވޭއިރު، ޑޮލަރު ބޭނުންވާ އަދަދުގެ އެއްބައި ނުވަތަ ތިން ބައި ކުޅަ އެއްބައި ނަގުދު ފައިސާއިން ހަވާލުކުރުމަށްފަހު، ބާކީ ބައި ޓްރާންސްފަރ ކޮށްލާނެކަމަށް ބުނެ ފަހުން ހަބަރެއް ނުވެ، ފިލާފައިވާ މައްސަލަތައްވެސް ފުލުހުންގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ، މިފަދަ މުއާމަލާތްކުރުމުގައި ބޭނުންކޮށްފައިވާ ނަންބަރުތަކަކީ ވަކި މީހެއްގެ މައްޗަށް ރަޖިސްޓްރީ ނުކޮށް ނުވަތަ ކޮންމެވެސް ބިދޭސީއެއްގެ ނަންމަތީގައި ނަނގާފައިވާ ނަންބަރުތަކެއްކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ޑޮލަރަކީ ސައްހަ ޑޮލަރުތޯ ކަށަވަރުކުރުމަށްފަހު ފައިސާ ހަވާލުކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ޑޮލަރު ގަތުމަށްޓަކައި މުއާމަލާތްކުރެވޭ ފަރާތަކީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ފަރާތެއްތޯ ބަލައި، މީހެއްގެ އަތުން ޑޮލަރު ގަތުމުގެ ބަދަލުގައި ހުއްދަ އޮތް ފަރާތްތަކާއެކު އެފަދަ މުއާމަލާތްތައް ހިންގުމަށްވެސްް ފުލުހުން ވަނީ އެދިފައެވެ،

މިފަދަ މުއާމަލާތްތަކާ ގުޅިގެން މިހާތަނަށް 272،000 އެއްހާ ދިވެހި ރުފިޔާ ރައްޔިތުންގެ އަތުން އޮޅުވާލައިގެން ހޯދާފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ،