English Edition
Dhivehi Edition

ހައިވަކަރު އަހްމަދު ފުޅު އުމުރުން 89 އަހަރުގައި އަވަހާރަވެއްޖެއެވެ.

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މއ. ހައިވަކަރުގޭ, އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަފުޅު) އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުން މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އޭނާ ވަނީ ދައުލަތަށް 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. އޭނާ ގައުމީ ޚިދުމަތުގެ ތެރެއަށް ވެންނެވީ 1953 ވަނަ އަހަރު ސިފައިންގެއާ ގުޅިވަޑައިގެންނެވެ. ސިފައިންގެއިން ރިޓަޔަރ ކުރެއްވީ 24 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު 1978 ވަނަ އަހަރުއެވެ. ރިޓަޔަރ ކުރެއްވި އިރު ހުންނެވީ ސިފައިންގޭގެ އޭރުގެ އެންމެ މަތީ ރޭންކު ކަމަށްވާ ކެޕްޓަނެއްގެ މަގާމުގައެވެ.

އަހުމަދުފުޅު އަދާކުރެއްވި އެހެން އިސް މަގާމުތަކުގެ ތެރޭގައި ސަރުކާރުގެ މައި ހޮސްޕިޓަލް, ސެންޓްރަލް ހޮސްޕިޓަލުގެ މެނޭޖަރުކަމާއި ޅ. އަތޮޅާއި މުލަކު އަތޮޅާއި އައްޑު އަތޮޅުގެ އަތޮޅުވެރިކަމާއި މިނިސްޓްރީ އޮފް އިންފޮމޭޝަން, އާޓްސް އެންޑް ކަލްޗަރގެ ޑިރެކްޓަރުކަމާއި ޑިރެކްޓަރު ޖެނެރަލްކަން ފާހަގަކޮށްލެވެއެވެ.

މަޝްހޫރު ގޯލްކީޕަރު އަދި ކޯޗު މައުރޫފް އަހުމަދު (މާއްޓޭ)ގެ ބައްޕަ، އަހުމަދުފުޅުގެ އެހެން ބޭފުޅުންގެ ތެރޭގައި ގައުމީ ޔުނިވަސިޓީގެ ޑީން އޮފް ސްޓޫޑަންޓްސް ލީލާ އަހުމަދާއި މަޝްހޫރު ފިލްމު، ޑްރާމާ ސްކްރިޕްޓް ރައިތަރ މަހުދީ އަހުމަދާއި ޓީއެފްޖީގެ އެއްބާނީ ކަމަށްވާ މުހައްމަދު މިސްތޯ އަދި ތޫމާ އަހްމަދު ހިމެނިވަޑައިގަންނަވައެވެ.

އަނބިކަނބަލުންނަކީ ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ މަޝްހޫރު ހުށަހެޅުންތެރިޔާ ނަޖުމާ ހުސެއިން (ނަޖުމާއްތަ) އެވެ.

އަހުމަދުފުޅަކީ ރާއްޖޭގެ އެންމެ ފުރަތަމަ ގައުމީ ފުޓްބޯޅަ ޓީމުގެ ކީޕަރެވެ. ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ އޭރު އަލަށް އުފެދުނު މައްޗަންގޮޅީ ކްލަބަށާއި ސިފައިންގެ ޚިދުމަތުގައި އުޅުއްވި އިރު, ސިފައިންގެ ކްލަބަށްވެސް ކުޅުއްވާފައެވެ.