English Edition
Dhivehi Edition

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ރިޔާސީ ޓިކެޓް އެޕާޓީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ދިނުމަށް އެޕާޓީގެ ކައުންސިލުން ނިންމައިފިއެވެ.

އިއްޔެ ފުވައްމުލަކު ސިޓީގައި ބޭއްވި ޑީއާރްޕީ ކައުންސިލްގެ ހާއްސަ ބައްދަލުވުމެއްގައި ވަނީ ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓަކީ ޖާބިރު ކަމަށް ކަނޑައަޅާފައެވެ. އަދި ޖާބިރު ވަނީ އެކަން ގަބޫލުފުޅުވެސް ކުރައްވަވާފައެވެ. ރައްޔިތުންގެ މަޖިލީހުގައި ޖާބިރު މީގެ ކުރިން ވެސް ވަނީ އޭނާ ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރިޔާސީ ޓިކެޓް ދޭން ނިންމުމާއެކު ޖާބިރު މިހާރު ވަނީ ރިޔާސީ ކެމްޕޭން ފައްޓަވާފައެވެ.

މިގޮތުން، ޑީއާރްޕީގެ ކެބިނެޓްވެސް ޖާބިރު މިހާރު ވަނީ އެކުލަވާލާފައެވެ. އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ކަންކަން ހަމަ މަގުން ކުރިޔަށްދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވާނީ އޭނާ ކަމަށެވެ.

ޖާބިރު އަށް ޓިކެޓު ދޭން އެ ޑީއާރުޕީން ފާސް ކުރީ، ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޓިކެޓު ދޭން އެ ޕާޓީގެ ސެނެޓުން ފާސްކޮށްފައި ވަނިކޮށެވެ.