English Edition
Dhivehi Edition

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 16:30 އަށް ހުދު ސަމާލު ނެރޭ ކަމަށެވެ. މީގެ އިތުރުން ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވެސް ވަނީ މިއަދު ހެނދުނު 08:30 އިން މެންދުރު 02:00 އަށް ހުދު ސަމާލު ނެރެފައެވެ.

މެޓް އޮފީހުން ބުނީ އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުރުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެ ހިސާބުތަކަށް ގަޑިއަކު 20 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

މެޓް އޮފީހުން ވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި މި ވިއްސާރައިގައި ހާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއިއެކު ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުންނާނެ ކަން ފާހަގަކޮށް މެޓް އޮފީހުން ވަނީ ކަނޑުދަތުރު ކުރާ ހުރިހާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ. މީގެ އިތުރުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.

މެޓުން ބުނީ ގަދަ ވިއްސާރައާއެކު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދަ އެރުން އެކަށީގެންވާ ކަމަށެވެ.