އިންޑިއާ އިން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތައް ނިންމުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 119 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ނިއުދިއްލީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މާލެ ސަރަހައްދުގައި އިތުރު 2،000 ހައުސިން ޔުނިޓް އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 119 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވާކަމަށެވެ.
މިދިޔަ އަހަރުވެސް އެގްޒިމް ބޭންކުން ވަނީ ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓް އިމާރާތްކުރަން 228 މިލިއަން ޑޮލަރު، ބަޔާޒް ކްރެޑިޓްގެ ގޮތުގައި އިތުރުކޮށްދީފައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި، 34 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ.