English Edition
Dhivehi Edition
އެއްޖިންސުން ގުޅުން ހިންގި ކޮޓަރިކަމަށް ބުނާ ކޮޓަރިއަށް ކާނަލް ނަޝީދު ވަދެވަޑައިގަންނަވަނީ - ފޮޓޯ: ސޯޝަލް މީޑިއާ

އެއް ޖިންސުން ގުޅުން ހިންގާކަމަށް ބުނާ ވީޑިއޯގެ މައްސަލައިގާ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހައްޔަރުކޮށްފިއެވެ.

ކާނަލް ނަޝީދު ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު ގިނަ ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ދައުރުވެފައިވާއިރު، އެކަމުގެ ތަހުގީގަށް ފުލުހުން ހިންގާ ޚާއްޞަ އޮޕަރޭޝަންގައެވެ.

ކޯޓު އަމުރެއްގެ ދަށުން ކާނަލް ނަޝީދު ހައްޔަރުކުރީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ސޯޝަލް މީޑިއާ ގައި ދައުވި ވީޑިއޯ ތަކުގައި ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހަކާއި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއް ވެސް ހިމެނެއެވެ. އަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުހަކާ އެކު ވެސް އަލަމްގިރި އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ އެހެން ވީޑިއޯއެއް ވަނީ ދައުރުވެފައެވެ.

އެ މައްސަލައާ ގުޅިގެން އަލަމްގިރި އާއި ކާނަލް ނަޝީދާއި ނާޒިމް ސައްތާރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާިއރު، ނާޒިމް ސައްތާރު ފުލުހަށް ހާޒިރުކޮށް ބަޔާން ވެސް ވަނީ ނަގާފައެވެ. އަދި އަބްދުއްރަހްމާން ރަފީއު ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށް އޭނާގެ ޖިނާއީ އަދި ޑިސިޕްލިނަރީ މައްސަލަ ދަނީ ބަލަމުންނެވެ.

މި މައްސަލައިގެ “މައިމުގޫ” ކަމަށްވާ ބަންގްލަދޭޝްގެ އަލަމްގިރި ވަނީ މި މަހުގެ 13 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ވީޑިއޯ ނަގާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައެވެ.