English Edition
Dhivehi Edition

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ މަކުނުވިދުރިއަކީ މުޅި ދުނިޔެއަށް އޮތް ސިއްހީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ކަނޑައަޅައިފިއެވެ.

މަކުނުވިދުރިއަކީ ސިއްހަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި، ޑަބްލިޔު.އެޗް.އޯ އިން ވަނީ ބަލިތަކާ މެދު އެ ޖަމުއިއްޔާއިން ނެރޭ އެންމެ މަތީ ދަރަޖައިގެ ސަމާލު މިބައްޔާ ދެކޮޅަށް އިއުލާނު ކޮށްފައެވެ. މިކަން އިއުލާނު ކުރައްވާފައި ވަނީ ޑަބްލިޔު.އެޗް.އޯ ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސްއެވެ.

އެހެން ނަމަވެސް، ޑަބްލިޔު.އެޗް.އޯ.ގެ މާހިރުންގެ ކޮމިޓީން މިކަމާމެދު އޮތީ ހިޔާލު ތަފާތުވެފައެވެ. މިކަމާމެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ. މަކުނުވިދުރިއަކީ ސިއްހީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ގަބޫލުކުރަނީ އެކޮމިޓީގައި ހިމެނޭ 15 މެންބަރުންގެ ތެރެއިން އެންމެ 06 މެންބަރުންކަން ޓެޑްރޯސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ބައްޔަކަށް ސަމާލުގެ އެންމެ މަތީ ދަރަޖަ ކަނޑައެޅުމުގެ ބޭނުމަކީ، އެ ބައްޔެއް ފެތުރުން ކޮންޓްރޯލު ކުރުމަށް ހުރިހާ ގައުމަކުން އެކުގައި ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމެވެ. އަދި އެބައްޔަކާ ދެކޮޅަށް ފަރުވާއާއި ވެކްސިންތައް ތައްޔާރު ކުރުމުގައި، ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމެވެ.

މަކުނުވިދުރި އެންމެ ފުރަތަމަ ފެނިފައި ވަނީ 1950ގެ އަހަރުތަކުގެ ތެރޭގައި އެފްރިކާ އިންނެވެ. މަކުނުވިދުރި އަައުޓްބްރޭކް 2022 ފެށުނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި އައުޓްބްރޭކްގައި ފުރަތަަމަ ކޭސްއެއް ފެނުނީ އިނގިރޭސިވިލާތުންނެވެ.

މަކުނުވިދުރީގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ އެންމެ މަތީ ދަރަޖަ މިހާތަނަށް ދީފައިވާ އަނެއް 02 ބައްޔަކީ ކޮރޯނާ ވައިރަސްއާއި ޕޯލިޔޯއެވެ. ދުނިޔޭގެ 75 ގައުމަކުން މިހާތަނަށް މަކުނުވިދުރި ޖެހިފައިވާ 16,000 އަށްވުރެ ގިނަ މީހުން ފެނިފައިވާ އިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ފަހަކަށް އަރާފައެވެ.