English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކޮށްފައި ދަނީ - ފޮޓޯ: އޭދަފުށި ޓައިމްސް

ރާއްޖޭގެ މޫސުން މިއަދު ވެސް މޫސުން ގޯސް ވާނެތީ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލަރޓް ނެރެފިއެވެ.

ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކަށް މިއަދު ހަވީރު 04:00 އާ ހަމައަށް ނެރެފައިވާ ވައިޓް އެލަރޓުގައި މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މީގެ އިތުރުން ކަނޑުތައް ވެސް ގަދަވާނެކަމަށް އެ އިދާރާ އިން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ ވަޔާއި ކަނޑު ވަރަށް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކާއި މެދުރާއްޖޭގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ވެސް މިއަދު ނެރެފައެވެ.

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލަރޓް ނެރެފައިވަނީ މެންދުރު 2 ޖެހުމާއި ހަމައަށެވެ.

ޔެލޯ އެލަރޓުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު، ޚާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް އިއްޔެވަނީ ވަރަށްބޮޑު ގެއްލުންތަކެއް ވެފައެވެ.

އެގޮތުން ދެކުނުގެ ގިނަ ރަށްތަކަކަށް އުދަ އަރާފައިވާއިރު، މަޑަވެއްޔަށް ވަނީ ގިނަ ގެއްލުންތަކެއް ވެސް ލިބިފައެވެ. އަދި އައްޑޫ ސިޓީގެ ބައެއް ރަށްރަށަށް ވެސް ގެއްލުންތަކެއް ލިބިފައިވާއިރު، ފެންފުށިގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާއެއްގައި ޒުވާނެއްގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ.