English Edition
Dhivehi Edition

މެއި މަހު ގްރީން ޓެކްސްގެ ގޮތުގައި ހުވަދު އަތޮޅުން ލިބިފައިވަނީ 1.2 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން ގދ. އަތޮޅުން މިދިޔަ މެއި މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވާ 1,238,398.26 ރުފިޔާ އަކީ އެއަތޮޅުގެ ރިސޯޓްތަކުން ލިބިފައިވާ ފައިސާއެވެ. އަދި އެއަތޮޅުން ހޮޓާތަކާއި ގެސްޓު ހައުސްތަކާއި ލިވްއަބޯޑުތަކުން އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މެއި މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 96.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެތެރެއިން 90.9 މިލިއަން ރުފިޔާ ލިބިފައިވަނީ ރިސޯޓުތަކުންނެވެ. ހޮޓާތަކުން އެއް މިލިއަން ރުފިޔާ ލިބިފައިވާއިރު، ގެސްޓު ހައުސްތަކުން 2.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، ލިވްއަބޯޑުތަކުން 2.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މެއިމަހު އެންމެ ގިނަ ފައިސާ ލިބުނު އަތޮޅުތައް:

ކ. އަތޮޅު – 30.8 މިލިއަން ރުފިޔާ
އދ. އަތޮޅު – 10.1 މިލިއަން ރުފިޔާ
ރ. އަތޮޅު – 7.2 މިލިއަން ރުފިޔާ
ބ. އަތޮޅު – 7.1 މިލިއަން ރުފިޔާ

މެއިމަހު އެންމެ މަދުން ގްރީން ޓެކްސް ލިބުނު އަތޮޅުތަކަކީ ފުވައްމުލައް ސިޓީ، ހދ. އަތޮޅު، ތ. އަތޮޅު، މ. އަތޮޅު އަދި ލ. އަތޮޅުންނެވެ.

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މެއިމަހު އެންމެ މަދުން ފައިސާ ލިބުނު އަތޮޅުތައް:

ފުވައްމުލައް ސިޓީ – 69684 ރުފިޔާ
ހދ. އަތޮޅު – 218274 ރުފިޔާ
ތ. އަތޮޅު – 365307 ރުފިޔާ
މ. އަތޮޅު – 467740 ރުފިޔާ
ލ. އަތޮޅު – 497200 ރުފިޔާ

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.