English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައި ރުވާންޑާގެ ކިގާލީ މެރިއޮޓް ހޮޓެލްގައެވެ.

މި ބައްދަލުކުރެއްވުމުގައި މޮރިޝަސްގެ ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއާއި މޮރިޝަސްގެ ހުރި އެއްގޮތްކަމުގެ މައްޗަށްވަނީ އަލިއަޅުއްވާލައްވާފައިވެއެވެ.

މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖެއާއި މޮރިޝަސްއަކީ އ.ދ. އާއި ކޮމަންވެލްތް އަދި އެއޯސިސް ފަދަ ބޮޑެތި ޖަމާއަތްތަކުގެ މެންބަރު ދެ ޤައުމުކަމަށާއި، ދެ ޤައުމަކީވެސް ވިޔަފާރިއާއި، އިޤްތިޞާދަށްޓަކައި އިންޑިއާ ކަނޑަށް ބަރޯސާވާ ދެ ޤައުމުކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ދެޤައުމުގެ ވެސް އިޤްތިޞާދަށް ކޮށްފައިވާ އަސަރުތަކުން އަރައިގަތުމަށް އެއްޤައުމު އަނެއް ޤައުމުގެ ފަތުރުވެރިކަމުން ފިލާވަޅު ލިބިގަނެވޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި މިހާރަށްވުރެ ބޮޑަށް ވިޔަފާރިއާއި އިޤްތިޞާދީ ރޮނގުން ދެ ޤައުމުން ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.