English Edition
Dhivehi Edition

އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމާއި އައްޝައިހް ފަޒްލޫން މުހައްމަދަށް ދީނީ އިރުޝާދު ދިނުމަށް ދޫކޮށްފައިވާ ހުއްދަ އިސްލާމިކް މިނިސްޓްރީން ހިފަހައްޓައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޯގާ ދުވަހާ ގުޅިގެން ހިންގި ހަރަކާތްތަކާ އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ބަންދުކޮށްފަައިވާ ސަރަހައްދުތަކަށްވަދެ ދައުލާތުގެ މުދަލަށާއި މީހުންނަށް ޝައިޚް ފަޒްލޫނާއި ނިޝާން ގެއްލުންދީފައިވާކަމަށެވެ.

އިތުރަށް އިސްލާމިކް މިނިސްޓްރީން ބުނީ އެ ދެ ޝައިޚުންނަށް ދީފައިވާ ދީނީ އިރުޝާދުދިނުމުގެ ހުއްދަ ހިފަހައްޓައިފައިވަނީ ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމުގައި ބައިވެރިވެފައިވާކަމަށް ތުހުމަތު ކުރެވި އަދި ހަމަނުޖެހުނުގައި ހައްޔަރުކުރި މީހުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކައިފައިވާތީ، އެކަމުގެ ޖިނާއީ ތަހުގީގެއް ކުރިއަށް ދާތީ ކަމަށެވެ.

އިސްލާމްދީނުގެ ނަމުގައި މަދު ބަޔަކު ހިންގާ ނޭއްގާނީ އަމަލުތަކުގެ ނާޖާއިޒް ފައިދާ ނަގައިގެން އިސްލާމް ދީނަށާއި، ދީނީ އިލްމުވެރިންނާ ދިމާއަށް ބަދުބަސް ބުނަމުންދާކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މަދުބަޔަކުވެގެން ހިންގާ ހަރުކަށި އަމަލުތައް ދީނަށް ނިސްބަތްވާ އެންމެންގެ ބޮލުގައި އެޅުވުމަށް މަސައްކަތް ކުރާކަމަށެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީންވަނީ އެ ހުރިހާ އަމަލެއް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.