English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފިއެވެ.

މި ހިނގާ 2022 ވަނަ އަހަރު ބީއެމްއެލް ސްކޮލަރޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭ ތިން ދަރިވަރުންނަކީ އަޙްމަދު ނިސާލް ޢަބްދުﷲ، އާމިނަތު މައިސާ ނިޔާޒު އަދި އިސްމާޢިލް ޒަކްވާން ޝިހާދުއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން ހުރިހާ ޚަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ތަޢުލީމީ، ގާބިލް ޒުވާން ދިވެހި ތިން ދަރިވަރުންނަށް ލިބިގެންދާކަމީ ލިބޭ ފަޚުރެއް ކަމަށެވެ. އަދި މި ސްކޮލަރޝިޕްގެ ދަށުން ކުރިއަށް އޮތް ޖީލުތަކުގެ ލީޑަރޝިޕް މަގާމުތައް ފުރަމުންދާނެ ހުނަރުވެރި ތައުލީމީ ޒުވާނުން ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ތައުލީމީ ގޮތުން ވަރަށް ވެސް މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ހަމައެހެންމެ ލީޑަރޝިޕް ދައްކުވައިދޭ ހުނަރުވެރި ޒުވާނުން ހޮވުނުކަމީ ލިބޭ އުފަލެއް ކަމަށާއި ޒުވާނުންގެ ތެރެއިން ގައުމަށް ޚިދުމަތްކުރުމަށް ބޭނުންވާ ދަރިވަރުންނަށް މަތީ ތައުލީމްގެ ފުރުސަތު ހޯދައިދިނުމަކީ އަނބުރާ މުޖުތަމައަށް އެހީތެރިވެ، ގައުމުގެ މުސްތަގްބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމެންޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ސްކޮލަރޝިޕް ފަންޑަކީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރިހާ ޚަރަދެއް ހިމަނައިގެން ދެވޭ ސްކޮލަރޝިޕެކެވެ. މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަރސިޓީން ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެއެވެ.

ވަރަށްވެސް ވާދަވެރިކޮށް ދިޔަ މި ސްކޮލަރޝިޕް ފަންޑު ހުޅުވާލެވުނީ ތައުލީމީ ގޮތުން މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ހަމައެހެންމެ މަތީ ތައުލީމް ހާސިލްކުރުމަށްފަހު ދިވެހިރާއްޖޭގެ ބޭންކިންގ އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށެވެ.

ބީއެމްއެލް ސްކޮލަރޝިޕް ފަންޑަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިން ފުރަތަމަ ހަރަކާތުގެ ގޮތުގައި ނޮވެމްބަރު 2021 ގައި ތައާރަފްކުރެވުނު ފަންޑެކެވެ.