English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރު ކުންފުނިތަކުގެ ހިއްސާ ބޮޑުކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އާއި އަތޮޅުތެރޭ ރަށްރަށުގައި ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރު ކުންފުނިތަކުގެ ހިއްސާ ބޮޑުކަމަށެވެ.

މި ހަފްލާގައި ނައިބު ރައީސް ވިދާޅުވީ ކަރަންޓުގެ ޚިދުމަތަކީ، ސާފުވައި ބޭނުންވާ ފަދައިން އަސާސީ ޚިދުމަތެއްކަމަށާއި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ނުލިބި އުޅުމަކީ މިއަދު ދަތިކަމެއް ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ނައިބު ރައީސް ވިދާޅުވީ، ސްޓެލްކޯއަށް މިބޮޑު ޒިންމާ އަދާކުރެވެމުން ދަނީ ވަރަށް ހީވާގި މަސައްކަތްތެރި ޓީމެއް އެކުންފުނީގައި އޮވެގެން ކަމަށެވެ. އަދި ރާއްޖޭގެ 35 ރަށެއްގައި ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް ދެމުން ގެންދާއިރު، ހީވާގި ޓީމެއް އުފެއްދޭނީ ވަރަށް ރަނގަޅު މެނޭޖްމަންޓެއް އޮވެގެން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަމުންދާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަމުން ފެށިގެން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރެޔާއި ދުވާލު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާކަމަށެވެ

ސްޓެލްކޯއަކީ މުޖުތަމައުއަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏެއްކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސްޓެލްކޯގެ ދައުރު ވެސް ވަރަށް ބޮޑުކަމަށެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އެއްވެސް މީހަކު މުޖުތަމައުގައި ބާކީ ނުކުރުންކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވަނީ ސްޓެލްކޯގައި މިހާރުވެސް ގާތްގަނޑަކަށް 35 ނުކުޅެދުންތެރިކަން ހުރި މުވައްޒަފުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ މަސައްކަތުގެ މާހައުލުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުން ބަކީނުކޮށް، އެމީހުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.

ޓެގު